ހަވަނަ ފަހަރަށް ސައުތު އޭޝިއަން ގޭމްސް ފަސްކޮށްފި
ލިޔުންތެރިޔާ
އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރަން މެޑަލް ހިފައިގެން -- ފޮޓޯ/ އެމްއޯސީ
އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބާއްވަން ތާވަލުކޮށްފައި އޮތް 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކުރަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ފާސްކޮށްފި އެވެ.
އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ތާވަލުކުރި މި މުބާރާތް އެކި ސަބަބުތަކާ ހުރެ ފަސްކުރި މިއީ ހަވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު ނޭޕާލުގަ އެވެ.
ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ގޭމްސް ފަސްކުރި ރަސްމީ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން މި ބަދަލު ގެނައީ އަންނަ މަހު ސައުދީ އަރަބިއްޔާގައި ބާއްވަން އޮތް އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް އަންނަ އަހަރުގެ މާޗު 28 އިން އޭޕްރީލް 8 އަށް ފަސްކުރުމާ ގުޅިގެން، ދެ މުބާރާތުގެ ތާރީހުތައް ފުށުއަރާތީ އެވެ.
ޕާކިސްތާނުން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ގޭމްސް ބޭއްވޭތޯ އެވެ. އެހެން ނަމަވެސް އެ ތާރީހުގައި މުބާރާތް ނުބޭއްވިއްޖެ ނަމަ، 2028 ވަނަ އަހަރުގެ ކުރީކޮޅު ގޭމްސް ބޭއްވުމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަނުން ހުށަހަޅާނެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން 4،200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ ކަމަށް ބެލެވޭ މި ގޭމްސްގައި ފިރިހެނުންނަށް 28 އިވެންޓް އަދި އަންހެނުންނަށް 25 އިވެންޓް ކުރިއަށްދާނެ އެވެ.
މި މުބާރާތް ފަސްވުމަކީ ގޭމްސްއަށް ތައްޔާރުވަމުން އަންނަ ދިވެހި އެތުލީޓުންނަށް ވެސް ލިބުނު އިތުރު މާޔޫސްކަމެކެވެ. ހާއްސަލޮށް 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްއަކީ ދިވެހި ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް މުބާރާތަށް ވާތީ، ދިވެހި އެތުލީޓުން އަންނަނީ އާ ކާމިޔާބީތަކަކަށް ބޮޑެތި އުންމީދުތައް ކުރަމުންނެވެ.
ތިރީސް ފަސް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު 2019 ގެ ގޭމްސްގައި ރާއްޖެއިން ވަނީ ޖުމްލަ ފަސް މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިދިން ތާރީހީ ރަން މެޑަލް އެވެ. މީގެ އިތުރުން، 200 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހޯދިއިރު، އަންހެން ފުޓްބޯޅަ ޓީމާއި، އަންހެން ޓޭބަލް ޓެނިސް ޓީމު އަދި އަންހެން ބާސްކެޓްބޯޅަ ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދައި ރާއްޖެއަށް ފަހުރުވެރި ކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް