ހިތްވަރާއެކު އީގަލްސް ބަލިކޮށް ބުރު ކުރިއަށް ޖެހިލައިފި
ލިޔުންތެރިޔާ
ބުރު އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ކްލަބް އީގަލްސް 1-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗަށް ނުކުތްއިރު 10 ޓީމު ވާދަކުރާ ލީގުގެ ނުވަވަނައިގައި އޮތް ބުރަށް، މިއީ ސީޒަންގައި ލިބުނު ދެވަނަ މޮޅެވެ. މީގެ ކުރިން ލީގުގައި ބުރު މޮޅުވެފައި އޮތީ ހަމައެކަނި ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ނަމަވެސް އީގަލްސް އަތުން ހޯދި މި މުހިންމު ތިން ޕޮއިންޓާއެކު، ބުރުން މިވަނީ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.
މި މެޗުން މޮޅުވި ނަމަ ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުސަތު އޮތް އީގަލްސް، ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވުމާއެކު އޮތީ ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.
މެޗުގައި ދެ ޓީމުގެ ތަފާތަކަށް ވީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ބުރުގެ އާޖެންޓީނާ ފޯވާޑް ޖުއާން އެޑުއާޑޯ ލެސްކާނޯ ކާމިޔާބުކުރި ގޯލެވެ. މިއީ އީގަލްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ފަރުހާން (ފަރުއްކޮ)، ބުރުގެ ކޮލަމްބިއާ ކުޅުންތެރިޔާ ހެރޯލްޑް ވަލްޑޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގައި އީގަލްސްއަށް ލީޑު ނަގަން ލިބުނު އެންމެ ހުސް ފުރުސަތުގައި، އެ ޓީމުގެ ލައިބީރިއާ ފޯވާޑް ވެން ޑޭމް ހާމޮން ކީޕަރު ކައިރިން ނައްޓާލާފައި ގޯލަށް ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ބުރުގެ ޑިފެންޑަރު މުހައްމަދު ނަޒާމް އެވެ. މީގެ އިތުރުން، ކުރިން އީގަލްސްގެ ގޯލު ބެލެހެއްޓި ބުރުގެ ކީޕަރު ޝައިހާން އަލީ ވަނީ އީގަލްސްއިން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އަދި ބުރުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) އާއި އެޑުއާޑޯ ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް އީގަލްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް