ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރާ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ
ލިޔުންތެރިޔާ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް. - ފޮޓޯ / ޕީއެސްއެމް
ރާއްޖެ ތެރޭގެ އެކި ކަންކޮޅު ތަކުގައި ޓާޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، މިއަހަރުގެ ތެރޭގައި ތިން ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
އަތޮޅި ތެރޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓާޝަރީ ފެންވަރުގެ ޖުމުލަ ފަސް ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް އާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލް ތަކުގެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ޑިޒައިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ދަނީ އަމަލީ މަސައްކަތް ފެށުމަށް ތަކެތި ހޯދުމުގެ މަސައްކަތް ކަމަށާއި، އުންމީދަކީ މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން އަންނަނީ ޏ.ފުވައްމުލައް ސިޓީ ހޮސްޕިޓަލް އާއި، ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ވެސް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ފަސް ހޮސްޕިޓަލްގެ މަސައްކަތް ނިމުމާ އެކު، އަތޮޅު ތެރޭގެ ޞިއްޙީ ނިޒާމަށް ބޮޑު ކުރިއެެރުމެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް