Article Top
ޚަބަރު •

ހުޅުމާލޭ ހޮސްޕިޓަލަށް 250 އެނދު އިތުރު ކުރަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހުޅުމާލޭ ހޮސްޕިޓަލަށް 250 އެނދު އިތުރު ކުރަނީ

ހުޅުމާލެ ހޮސްޕިޓަލް.

ހުޅުމާލެ ހޮސްޕިޓަލް އިތުރަަށް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް، އެ ހޮސްޕިޓަލަށް 250 އެނދު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޤީލާ މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި މިނިސްޓަރު ޤީލާ ވަނީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. އަދި މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމުގެ ފެންވަރު މަތި ކުރުމަށް ކުރަމުން އަންނަ މަސައްކަތް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މިނިސްޓަރު ޤީލާ ވިދާޅުވެފައި ވަނީ، ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޕެންޝަން މަޝްރޫއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދާނީ ހޮސްޕިޓަލްއާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ. އެއީ 250 އެނދު އިތުރު ކުރުމުގެ މަޝްރޫއެއް ކަަމަށް ވެސް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ.

އެ މަސައްކަތް މިހާރު ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޓެކްނިކަލް ޕްލޭން އާއި ޑިޒައިން ކުރުމުގެ މަސައްކަތް ކަަމަށް ވެސް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ. އަދި އެ މަޝްރޫއު ނިމުމުން ހޮސްޕިޓަލްގެ ޖާގަ އާއި، އެނދުގެ އަދަދު އިތުރު ކުރެވި، އިތުރު ސްޕެޝާލިޓީގެ ޚިދުމަތްތަކާއި، ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން އެ ޖަލްސާގައި މިނިސްޓަރު ޤީލާ ވަނީ، މިހާތަނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ސަރުކާރުން ޤާއިމު ކޮށްފައިވާ ޚިދުމަތްތައް ފާހަގަ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައި މުޅިން އަލަށް ފެށި ޚިދުމަތްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް