Article Top
ދުނިޔެ •

"ތިން ފަހަރު އިބިލީސް ފެނުނު، ނަރަކައިގެ ދޮރު އެއް ފަހަރު ފެނުނު"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ތިން ފަހަރު އިބިލީސް ފެނުނު، ނަރަކައިގެ ދޮރު އެއް ފަހަރު ފެނުނު"

ޕޯޕް ފްރާންސިސް.

ވެޓިކަންގެ ކުރީގެ ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ބައެއް ބައިތައް އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ރޫހާނީ ބޮޑު ތަދުމަޑުކަމެއް ތަހައްމަލުކުރިކަން ހާމަކޮށްފި އެވެ.

އެ ޑައިރީގައި ޕޯޕް ފްރާންސިސް ލިޔެފައިވާ ގޮތުގައި، އިބިލީހުގެ ވަސްވާސްތައް އޭނާ އަށް ކުރިމަތިވި ކަމަށާއި، ކެތޮލިކް ފައްޅީގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ބާރުތައް ބޭނުންކުރުމުގައި ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"ދަ ޕްރައިވެޓް ޑައިރީ އޮފް ޕޯޕް ފްރާންސިސް" ގެ ނަމުގައި ނެރުނު 160 ސަފުހާގެ މި ފޮތަކީ ކާޑިނަލް ވިކްޓާ ފެނާންޑޭޒް އެކުލަވާލާފައިވާ ފޮތެކެވެ. މި ފޮތުގައި ހިމެނެނީ 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ޕޯޕް ލިޔެފައިވާ ލިޔުން ތަކެވެ.

މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އުމުރުން 88 އަހަރުގައި ޕޯޕް ފްރާންސިސް މަރުވުމުގެ އަށް މަސް ކުރި އެވެ. މިއީ 1960 ގެ އަހަރުތަކަށް ފަހު ޕޯޕެއްގެ އަމިއްލަ ޑައިރީއެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިޔެފައިވާ ނޯޓެއްގައި ޕޯޕް ފްރާންސިސް ސިފަކުރި ގޮތުގައި، އޭނާ އަށް ކުރިމަތިވި ރޫހާނީ މައްސަލަތަކަކީ ވެރިކަން ހިންގުމުގެ ކަންކަމާއި، ނިންމުންތައް ނިންމުމުގައި ކުރިމަތިވި ފިއްތުންތަކާއި، އަދި ނަފްސާނީ ގޮތުން އިހުސާސް ކުރެވުނު އެކަނިވެރިކަމާއި ހުސްކަމުގެ ތެރެއިން އުފެދުނު ކަންތައް ތަކެކެވެ. އަދި އެހެން މީހުން ޕަޕެޓެއް ފަދައިން ބޭނުންކުރާ ލީޑަރަކަށް ނުވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

ޑައިރީގެ އެކި ހިސާބުތަކުގައި ޕޯޕް ފްރާންސިސް ލިޔެފައިވާ ގޮތުގައި، ވެޓިކަންގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން ހިމެނޭ ގޮތަށް، ޖުމްލަ ތިން ފަހަރެއްގެ މަތިން އިބިލީސް ފެނުނު ކަމަށް އޭނާ ޤަބޫލުކުރެ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ޖޫން މަހު ނަރަކައިގެ ދޮރެއް ފެނުނު ކަމަށް ބުނާ ހުވަފެނެއް ނުވަތަ ފެނުމެއްގެ ވާހަކަ ވެސް ވަނީ ލިޔެފައި އެވެ.

2018 ވަނަ އަހަރުގެ އެ ލިޔުމުގައި ޕޯޕް ލިޔެފައި ވަނީ، "ރޭގައި އަހަންނަށް ނަރަކައިގެ ދޮރުމަތި ފެނުނު" ކަމަށެވެ. އަދި އެތަނުގެ އެތެރެއަށް ކުޑަކޮށް ބަލާލުމުން އިންތިހާ އަށް ބިރުގަތް ކަމަށާއި، އެކަމުން ސަލާމަތްވުމަށް ހަތިޔާރެއްގެ ގޮތުގައި "ރޯސަރީ" (ތަސްބީހަ) ބޭނުންކުރި ކަމަށް ލިޔެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް