"ރާއްޖެ އިން އަބަދު ވެސް އެދެނީ އިންޑިއާ ކަނޑަކީ އަމާން އަދި ހަމަޖެހޭ ތަނެއްގެ ގޮތުގައި ދެމި އޮތުން"
ލިޔުންތެރިޔާ
ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު.
ދިވެހިރާއްޖެ އިން އަބަދު ވެސް އެދެނީ އިންޑިއާ ކަނޑަކީ އަމާން އަދި ހަމަޖެހޭ ތަނެއްގެ ގޮތުގައި ދެމި އޮތުން ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު މިހެން ވިދާޅުވެފައި ވަނީ، ސީއެސްސީގެ 8 ވަނަ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި އެވެ. ވިލާ ނޯޓިކާގައި ބޭއްވި އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިޙުސާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑާމެދު ދިވެހިރާއްޖެ އިން އަބަދުމެ ގެންގުޅެމުން އަންނަ ތަސައްވުރަކީ، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ހުރިހާ ޤައުމު ތަކަކަށް ވެސް އަމާން އަދި ހަމަޖެހޭ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ. އަދި މި ސަރަހައްދަކީ ހުޅުވާލެވިފައި އޮންނަ ތަނެއްގެ ގޮތުގައި ރާއްޖެ އިން ދެކޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ސަރަހައްދީ ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިލާން ބޭނުން ވަނީ ހުރިހާ ޤައުމުތަކެއް އެކުވެގެން، ޤައުމުތަކަކީ ބައިވެރިންގެ ގޮތުގައި ދެމި ތިބެގެން ކަމަށާއި، އެއީ އިތުބާރާއި އިޙުތިރާމްގެ މައްޗަށް އޮނަންވީ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު ޤައުމުތަކުގެ ސަލާމަތައް ދިމާވާ ނުރައްކާތެރި އެކި ކަންކަން މިނިސްޓަރުގެ ވާހައިގައި ފާހަގަ ކުރެއްވި އެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނީ ވަގުފާރި އާއި، ބޯޑަރު ހުރަސްކޮށް ހިންގަމުން އަންނަ ކަންތައްތަކުގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ޑިފެންސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގެ ދިފާއީ ބާރު ކުރިއަރުވައި، ޒަމާނީ ފެންވަރަށް ގެންދިޔުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ޤައުމުގެ ޚާއްސަ އިޤްތިޞާދޫ ސަރަހައްދު ބެލެހެއްޓުމުން ފެށިގެން ގޮސް، ކުއްލި ޙާލަތްތަކުގައި ދިމާވާ ކަންކަމަށް ޤާބިލުކަމާ އެކު ކުރިމަތިލުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ހަމައެހެންމެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑަކީ، ރާއްޖޭގެ އިޤްތިޞާދީ މައި ނާރައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިންގާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް