Article Top
ޚަބަރު •

"ޖިންސީ ތަފާތުކުރުންތަކުން އުފެދޭ އަނިޔާތައް ނައްތާލެވޭނީ އެފަދަ އަމަލުތަކަށް އެއްވެސް މިންވަރަކަށް ދޫނުދީ މަސައްކަތް ކޮށްގެން"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ޖިންސީ ތަފާތުކުރުންތަކުން އުފެދޭ އަނިޔާތައް ނައްތާލެވޭނީ އެފަދަ އަމަލުތަކަށް އެއްވެސް މިންވަރަކަށް ދޫނުދީ މަސައްކަތް ކޮށްގެން"

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު.

ޖިންސީ ތަފާތުކުރުންތަކުން އުފެދޭ އަނިޔާތައް ނައްތާލެވޭނީ އެފަދަ އަމަލުތަކަށް އެއްވެސް މިންވަރަކަށް ދޫނުދީ މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓް ލޭޑީ ސާޖިދާ މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ފަސްޓް ލޭޑީ ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން، ޖިންސީ ތަފާތުކުރުންތަކާއި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ 16 ދުވަހުގެ ހަރަކާތްތައް މިއަދު ފެށިގެންދާއިރު، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް ބިރުވެރިކަމެއް، އިހާނެތިކަމެއް އަދި ތަފާތުކުރުމެއް ނެތް މުސްތަޤުބަލެއް ހޯދައި ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ހަމަ އެހެންމެ، ޖިންސީ ތަފާތު ކުރުންތަކުން އުފެދޭ އަނިޔާތައް ނައްތާލެވޭނީ، އެންމެން ގުޅިގެން ހިތްވަރާއެކު އެފަދަ އަމަލުތަކަށް އެއްވެސް މިންވަރަކަށް ދޫ ނުދީ މަސައްކަތް ކޮށްގެން ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އަދި އެ މަޤުސަދު ހާސިލުކުރުމަށްޓަކައި، އަނިޔާ ލިބޭ ފަރާތްތަކަށް އިސްކަންދޭ އެހީތެރިކަމުގެ ނިޒާމެއް ކަށަވަރު ކުރުމަށާއި، އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށާއި، އަދި ކުށް ކުރާ ފަރާތްތަކުގެ އިތުރުން މުއައްސަސާތައް ވެސް ޒިންމާދާރު ކުރުވުމަށް ވެފައިވާ އިޤުރާރުތައް އަމަލީ ނަތީޖާއަކަށް ބަދަލު ކުރުމަށް ހުރިހާ ފަރާތް ތަކަކަށް އިލްތިމާސް ކުރައްވާ ކަމަށް ފަސްޓް ލޭޑީ ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، އިހާނެތި އަމަލުތަކަކީ މުޖުތަމައުގައި ބަލައި ގަނެވޭނެ ކަންކަން ކަމަށް ދެކޭ ދެކުން ބަދަލު ކުރުމަށްޓަކައި، އެއްވެސް ތަފާތު ކުރުމެއް ނެތި އަނިޔާ ލިބޭ ކޮންމެ މީހެއްގެ ވާހަކަ އަޑު އަހައި، އެ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އަންހެނުންނާއި އަންހެން ކުދިންނަކީ ހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާ، ބާރުވެރި، އަދި އުފާވެރި އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ފަސްޓް ލޭޑީގެ ޕޯސްޓުގައި ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް