Article Top
ޚަބަރު •

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ބިރުވެރި ކަމެއް ނެތް މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް އަތުގުޅާލަން ރައީސް ގޮވާލައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ބިރުވެރި ކަމެއް ނެތް މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް އަތުގުޅާލަން ރައީސް ގޮވާލައްވައިފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ބިރުވެރި ކަމެއް ނެތް މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް އަތުގުޅާލަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިން ރައްކާތެރި ކުރުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތާއި އިންސާފު ކަށަވަރު ކޮށްދިނުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތްތަކާއި، އެކަމަށް އޮތް ސާބިތުކަން މިއަދު އަލުން އައު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށާއި، އަނިޔާކުރާ ފަރާތްތައް ޒިންމާދާރު ކުރުވައި، އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކުގެ އިތުރުން ޚައްސަ ޕްރޮގްރާމްތަކެއް ހިންގަމުން ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން، އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމުގައި މިހާރަށް ވުރެ ބޮޑަށް އިހުސާސްތަކަށް އިސްކަންދީ، ޒިންމާދާރުކަމާއެކު އެކަން ކުރުމަށް ބާރުއަޅައި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރި މަރުކަޒުތައް ދަނީ އިތުރުކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު، އަނިޔާ ލިބޭ ކޮންމެ މީހަކަށްމެ ކަރާމާތާއި، އިންސާފާއި، އަދި އަވަސް ފިޔަވަޅުތަކެއް ކަށަވަރު ކޮށްދިނުމަށްޓަކައި އެންމެ ކުރީ ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި، ތަންފީޒީ އިދާރާތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، އެ ދާއިރާ ތަކަކީ މިފަދަ މައްސަލަތަކަށް ހޭލުންތެރި ތަންތަނަށް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވީ، އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށްވާއިރު، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެކަނބަލުންގެ ހައްޤުތަކާއި ފުރިހަމަ ޤާބިލުކަން ބޭނުން ކުރުމަށް ބާރުވެރި ކުރުވައިގެން މި ލަނޑު ދަނޑި ހާސިލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ބިރުވެރިކަމެއް ނެތް، އަދި ހުރިހާ ބާވަތެއްގެ އަނިޔާއަކުން ރައްކާތެރިވެފައިވާ މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށްޓަކައި، އެފަދަ ޤައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އަތުގުޅާލުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް