ނަޞްރުގެ ދުވަހުގެ ޙަރަކާތްތައް މާލޭގެ އިތުރުން، ދިއްދޫ އާއި ބާރަށުގައި
ލިޔުންތެރިޔާ
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމުގެ ޙަރަކާތުގެ ތެރެއިން.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.
އަދި، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.
މީގެ އިތުރުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
ހަމައެހެންމެ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން، ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ އެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫ އާއި، ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ހއ.ދިއްދޫ އަކީ، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙުމަދު ނިސްބަތްވާ ރަށެވެ.
އަދި ހއ.ބާރަށަކީ، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.
މި ހަރަކާތްތައް ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14ވަނަ ދުވަހު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި، މި ހަރަކާތްތައް ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް