ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
ލިޔުންތެރިޔާ
ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައި.
ށ.ފުނަދޫގައި ހުރި ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށް، އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު މިއަދު 08:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން މި ހާދިސާގައި އެންމެ ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ ށ.ފުނަދޫ އެއާޕޯޓުގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ރޯވި އަލިފާންގަނޑުގެ %90 މިއަދު 10:57 ހާއިރު ކޮންޓްރޯލް ކުރެވުނު އިރު، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު 11:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މީގެ އިތުރުން އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންގެ އިތުރުން ށ.ފުނަދޫ އެއާޕޯޓުގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުންނާއި، ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ޓީމާއި، ފުލުހުންނާއި، ށ.ފުނަދޫ ސްކޫލް ކެޑޭޓުން އަދި އެ ރަށުގެ ރައްޔިތުން ވަނީ ހަރަކާތްތެރިވެފައި އެވެ.
ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގެ އަސަރު ވަނީ ކައިރީގައި ހުރި 4 ގެޔަކާއި، 5 ގަރާޖު ނުވަތަ ވޯކްޝޮޕް އަށް ވެސް ކޯށްފައި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް