މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރާއްޖެ އިން ގޮވާލައިފި
ލިޔުންތެރިޔާ
ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމުގެ ތެރެއިން.
ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައި، މިނިސްޓާ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އިބްރާހީމް މިމްރާހު ތަޤުރީރު ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރު މިމްރާހު ވާހަކަ ދެއްކެވީ "ފްރޮމް އެމްބިޝަން ޓު ބޭންކަބަލް އެކްޝަން - މޮބިލައިޒިން ގްރީން އިންވެސްޓްމަންޓްސް ފޯ އަ ރެޒިލިއަންޓް އެންޑް އިންކްލޫސިވް ގްލޯބަލް އިކޮނޮމީ" މި މައުޟޫއަށް ބޭއްވި ޚާއްސަ ހަވާސާ އިވެންޓުގައި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މިމްރާހު ވަނީ އިއާދަކުރަނިވި ހަކަތަ އާއި، މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ އުމްރާނީ ވަސީލަތްތައް ޤާއިމު ކުރުމަށާއި، އަދި ނާޒުކު ޖަޒީރާ މުޖުތަމައުތަކުގެ ދިރިއުޅުން ފާގަތި ކުރުމަށްޓަކައި ހިތްވަރުގަދަ މޫސުމީ އިންވެސްޓްމަންޓްތަކެއް ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި، ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލައްވާފައި އެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ މައްޗަށް ވެސް މިމްރާހު އަލިއަޅުއްވާލެއްވި އެވެ.
މި ސަމިޓުގައި ރާއްޖެ އިން ބައިވެރިވެފައިވަނީ ތިމާވެށީގެ ގޮތުން ދުނިޔެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ފެހި އިޤްތިޞާދަކަށް ވާސިލުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ އަޑު އުފުލައި، އެއްބާރުލުން އިތުރު ކުރުމުގެ މަޤްޞަދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް