ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް، އެހެން މީހުންނެކޭ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެފަދަ ބޮޑު ކަމެއްކުރާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް އެހެން މީހުންނާ އެއްހަމައެއްގައި، އެފަރާތްތަކުގެ މަސައްކަތަަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަންކަން ކުރެވިގެންދާން ޖެހޭނެ ބައެއް ކަމަށެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ އެންމެން ޝާމިލުވާ ޤައުމެއްގެ ގޮތުގައި، ނުވަތަ މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދާން ކަަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކެއް ވެސް ބައިވެރިވާ ގޮތެެއްގައި ހުރިހާ ކަމެއް ވެސް ކުރަން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން ޤައުމުގެ އިޤްތިޞާދު ބިނާ ކުރުމާއި، މަސައްކަތް ކުރުމާއި، ވަޒީފާ ދިނުމާއި، ތައުލީމާއި، ޞިއްޙަތު އަދި ކޮންމެ ދާއިރާއެއްގައި ކަމަށް ވީ ނަމަވެސް އެ ފަރާތެއްގެ ހުންނަ ސިފައެއް، ނުވަތަ ހުންނަ ކަމަކީ އެ މީހަކަށް ލިބެން ޖެހޭ ފުރުސަތުން އެއްކިބާވެގެން ވާނެ ކަމެއް ކަމަށް ވެގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ އަޅުގަނޑުމެންގެ ތެރޭގައި ބަދަލު ކުރެވި، އަމަލީ ގޮތުން ވެސް ދައްކުވަން ޖެހޭނެ ކަމެއް ކަމަށެވެ. ތަހުޒީބު މުޖުތަމައަކަށް އަޅުގަނޑުމެންގެ މުޖުތަމައު ހަދަން ބޭނުންވާ ނަމަ، އެކަމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެކަމަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފުރުސަތުތައް ހޯދައިދީ، އެ ކުދިންނަކީ ވެސް މުޖުތަމައުގައި ބާރުވެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް