Article Top
ކުޅިވަރު •

ރިޒޭގެ ގޯލުތަކުން އޮޑި ބަލިކޮށް ވިކްޓަރީ ލީޑު ފުޅާކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރިޒޭގެ ގޯލުތަކުން އޮޑި ބަލިކޮށް ވިކްޓަރީ ލީޑު ފުޅާކޮށްފި

ރިޒޭ ގޯލު ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

އަހުމަދު ރިޒްވާން (ރިޒޭ) ގެ ގޯލުތަކާ އެކު އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން މެޗުގެ ކޮންޓްރޯލް ހޯދިއިރު، މެޗުގެ ހީރޯ އަކީ ރިޒޭއެވެ. މެޗުގެ 20 ވަނަ މިނިޓްގައި ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު މިރްޖަލޯލް ކަސިމޯވް ނަގައިދިން ރީތި ބޯޅައަކުން ރިޒޭ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެފަހުން، 34 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ނާއިޒު ހަސަން (ދާދު) ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ރޮނގުކައިރީގައި ހުރެފައި ރިޒޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

Advertisement
Article Inside

މެޗުގެ ފަހުބައިގައި ހެޓްރިކެއް ފުރިހަމަކުރުމަށް ރިޒޭއަށް ހިލޭޖެހުމަކުން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި އޮޑީގެ ކޯޗު ލޫޗޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ވިކްޓަރީ އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެން ނިއު ރޭޑިއަންޓް އޮތް އިރު ތިންވަނައިގައި އޮތް އީގަލްސް ވަނީ ހަ މެޗުން 11 ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުން ޕޮއިންޓެއް ނުލިބި އޮޑި ސްޕޯޓްސް ވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިފަ އެވެ. އެ ޓީމު މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ.

މާދަމާ ލީގުގައި ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު، ހަވީރު ކުޅޭނީ ޓީސީ އާއި ބިސް ބުރު ސްޕޯޓްސް އެވެ. ލީގު ތާވަލްގައި އޮޑި ސްޕޯޓްސް ފަހަތުގައި ދެ ޓީމު ވެސް އޮތީ ފަސް މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ރޭ ކުޅޭނީ މާޒިޔާ އާއި ބުރު ސްޕޯޓްސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް