ޚަބަރު

ދެ ވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީ އަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދެ ވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީ އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފަހު ޖަލްސާ ބޭއްވުމަށް ފަހު، ބުދަ ދުވަހު މަޖިލިސް ޗުއްޓީ އަށް ގޮސްފި އެވެ.

މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން ދެ ވަނަ ދައުރު ވަނީ ދެ ފަހަރެއްގެ މަތިން ދިގު ދަންމާލައިފަ އެވެ. މަޖިލީހުގެ ދެ ވަނަ ދައުރު ކުރިން ހަމަވާން އޮތީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ކަމަށް ވީ ނަމަވެސް، މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން މަޖިލީހުން ވަނީ ފާސްކޮށްފައި އެވެ.

ދެ ވަނަ ދައުރުގެ ފަހު ޖަލްސާ އަށް ފަހު މަޖިލިސް ޗުއްޓީ އަށް ގޮސްފައިވާއިރު، މަޖިލީހުން ވަނީ މުހިންމު ބިލު ތަކެއްގެ މަސައްކަތްތައް ނިންމައިފަ އެވެ. މީގެ އިތުރުން ބައެއް ޤައުމު ތަކަށް ސަފީރުން އައްޔަން ކުރުމުގެ އިތުރުން، ބައެއް މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ވެސް މަޖިލީހުން ވަނީ ކުރިއަށް ގެންގޮސްފައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ތިން ދައުރެއްގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ފެބްރުވަރީ މަހުން ފެށިގެން، މެއި މަހުގެ 15 ވަނަަ ދުވަހާ ހަމައަށެވެ. އަދި ދެ ވަނަ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އޮގަސްޓު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. ތިން ވަނަ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށެވެ.

އާންމު ގޮތެއްގައި މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކުރަން ހުރެއްޖެ ނަމަ، މަޖިލީހުގެ ދައުރު ދިގު ދަންމާލަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް