99 އަހަރުގެ މުއްދަތާއި 25 އިންސައްތައިގެ ލިމިޓް: ދިވެހި ބިމާއި ޚަޒާނާ ހިމާޔަތްކުރާ އައު ޤާނޫނު
ލިޔުންތެރިޔާ
ރަސްމާލެ ފެންނަ ކުރެހުމެއް.
ރަސްމާލޭގައި ތަރައްޤީކުރަން ރޭވިފައިވާ ބިޔަ ވޯޓާފްރޮންޓް މަޝްރޫއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ މައިގަނޑު ކަންބޮޑުވުންތަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުން ޤާނޫނީ ހަރުދަނާ ޙައްލުތަކެއް ކަށަވަރުކޮށްދީފި އެވެ.
ބިމުގެ މިލްކުވެރިކަން ބޭރުގެ ފަރާތްތަކަށް ގެއްލިދާނެ ކަމަށާއި، ބޭރުގެ ވަކި ޤައުމެއްގެ ނުފޫޒު ގަދަވެދާނެ ކަމަށް ކުރެވޭ ބަހުސްތަކަށް މި ބިލުގައި ހިމަނާފައިވާ ޚާއްޞަ މާއްދާތަކުން ސާފު ޖަވާބުތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
އައު ބިލުގައި ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ކަމަކީ، އެއްވެސް ފަރާތަކަށް ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން ބިން ދޫނުކުރެވޭނެ ކަމަށް ބަޔާންކުރުމެވެ. ބިން އަދި އިމާރާތްތަކުގެ ޔުނިޓުތައް ދޫކުރެވޭނީ ގިނަވެގެން 99 އަހަރުގެ ލީސްހޯލްޑް އުސޫލުން ކަމަށް ވުމާއެކު، ބިމުގެ ފުރިހަމަ ސިޔާދަތީ ބާރާއި މިލްކުވެރިކަން ދާއިމަށް ދެމިއޮންނާނީ ދައުލަތުގެ ބާރުގެ ދަށުގައެވެ.
މީގެ އިތުރުން، ބޭރުގެ ވަކި ބަޔަކު ސަރަޙައްދުގެ މައްޗަށް ވެރިވެގަނެފާނެ ކަމުގެ ބިރު ނައްތާލުމަށްޓަކައި، އެއްވެސް އެއް ޤައުމެއްގެ ފަރާތްތަކަށް އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ 25 އިންސައްތައަށްވުރެ ބޮޑު މިންވަރެއް ލީސްހޯލްޑް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.
މާލީ ގޮތުން ދައުލަތަށް ލިބޭ ފައިދާ ކުޑަވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް މި ބިލުން ވަނީ ޒަމާނީ މޮޑެލްތަކެއް ތައާރަފުކޮށްފައެވެ. ފަތުރުވެރިކަމުގެ ބިންތައް ކުއްޔަށް ދޭ އުސޫލުން އެއްފަހަރު ނަގާ ކުއްޔަށްވުރެ ބޮޑަށް، ތަކުރާރުކޮށް ދައުލަތަށް އާމްދަނީ ވަންނާނެ ނިޒާމެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން، މާސްޓާ ޑިވެލޮޕަރު ދައްކަންޖެހޭ މަދުވެގެން 10 އިންސައްތައިގެ ބިމުގެ ޕްރީމިއަމްގެ އިތުރުން، ޔުނިޓެއް ފުރަތަމަ ލީސްކުރާއިރު އަދި ފަހުން އެހެން ފަރާތަކަށް ބަދަލުކުރާ ކޮންމެ ފަހަރަކު މުޢާމަލާތުގެ އަގުގެ 4 އިންސައްތަ ޓްރާންސްފާ ފީއެއްގެ ގޮތުގައި ސަރުކާރަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ދުރާލާ ލިބޭ 5,000 ހައުސިން ޔުނިޓުގެ އިތުރުން، ޑިވެލޮޕަރުގެ އާމްދަނީން ދައުލަތަށް ލިބޭ 10 އިންސައްތައިގެ ހިއްސާއިން އެކަނިވެސް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު ދައުލަތުގެ ޚަޒާނާއަށް ވަންނާނެ ކަމަށް އަންދާޒާކުރެވެއެވެ. މިއީ ކުރީގެ އުސޫލުން 500 ހެކްޓަރުގެ ބިމަކުން 99 އަހަރަށް ލިބޭނެ ކަމަށް ބެލެވޭ 75 މިލިއަން ޑޮލަރާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު މާލީ މަންފާއެކެވެ.
މާލީ މުޢާމަލާތްތަކުގައި އަގު އޮޅުވާލުމާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، ކޮންމެ މުޢާމަލާތެއް ޤައުމީ ރިއަލް އެސްޓޭޓް ދަފްތަރުގައި ރަޖިސްޓަރީކުރުމާއި، އަގު ކަނޑައެޅުން ހަމައެކަނި ލައިސަންސް ލިބިފައިވާ ވެލުއަރުން މެދުވެރިކޮށް ކުރުން ވެސް ބިލުން ވަނީ މަޖުބޫރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްވެ ޤާނޫނަކަށް ވުމުން، ރަސްމާލޭގެ ވޯޓާފްރޮންޓް މަޝްރޫޢު ކުރިއަށްދާނީ ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ.
އިޤްތިޞާދީ ބޮޑު ބަދަލަކާއި، ބިލިއަން ޑޮލަރުގެ އާމްދަނީއެއް!
ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ރަސްމާލޭގައި ހިންގާ ވޯޓާފްރޮންޓް އަދި މެރީނާ މަޝްރޫއަކީ ރާއްޖޭގެ މުޅި އިޤްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލިއަނަށްވުރެ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ދައުލަތަށް އަހަރަކު ދެ ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ޒަމާނީ ރެސިޑެންޝަލް ޔުނިޓުތަކާއި ލަގްޒަރީ މެރީނާ އަދި ވިޔަފާރި މަރުކަޒުތައް ހިމެނޭ މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ އެތައް ފުރުޞަތުތަކެއް ފަހިވެ، ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް ރާއްޖޭގެ ދޮރުތައް ފުޅާދާއިރާއެއްގައި ހުޅުވިގެންދާނެއެވެ.
ރަސްމާލޭގެ ވޯޓާފްރޮންޓް މަޝްރޫއު ތަރައްޤީކުރުމާ ހަވާލުވެފައިވާ އަބޫދާބީގެ އީގަލް ހިލްސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބިޔަ މަޝްރޫއުތައް ހިންގުމުގައި ދެވަނައެއް ނެތް ފަދަ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެކެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ ބިނާކުރި އެމާރު ޕްރޮޕަޓީޒްގެ ފައުންޑަރު މުހައްމަދު އަލައްބާރު 2014 ގައި އުފެއްދެވި މި ކުންފުނިން ދަނީ ޔޫއޭއީ، އަލްބޭނިއާ އަދި ސާބިއާ ފަދަ ޤައުމުތަކުގައި ބިލިއަން ޑޮލަރުގެ އާބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ހާއްސަކޮށް، ސާބިއާގެ ބެލްގްރޭޑްގެ ކޯރު އައްސޭރިފަށުގައި ތަރައްޤީކުރި 15 ބިލިއަން ޑޮލަރުގެ ވޯޓާފްރޮންޓް މަޝްރޫޢަކީ އީގަލް ހިލްސްގެ ޤާބިލުކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ.
މި ފަދަ ތަޖުރިބާކާރު ކުންފުންޏަކާ އެކު ކުރިއަށްދާ މި މަޝްރޫޢަކީ ރާއްޖޭގެ މުސްތަޤްބަލަށް އޮތް ވަރަށް ފަހި އުންމީދެކެވެ. އީވެލިއުސާވްގެ ދިރާސާއިން ދައްކާ ގޮތުގައި، މި މަޝްރޫޢުގައި އިންވެސްޓްކުރާ ކޮންމެ އެއް ޑޮލަރަކަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް 1.6 ޑޮލަރު އިތުރުވެ، ޤައުމީ އުފެއްދުންތެރިކަމަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެ މަޝްރޫއުއިން ހިއްސާކުރާނެއެވެ. އަދި ބޭރުގެ ސީދާ އިންވެސްޓްމަންޓުގެ ގޮތުގައި 22 ބިލިއަން ޑޮލަރު ވަންނައިރު، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ 300 އަށްވުރެ ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ކުރިއެރުން ލިބި ފުޅާވެގެންދާނެއެވެ.
މީގެ އިތުރުން، މަޝްރޫއު ހިނގަމުންދާ މުއްދަތުގައްޔާއި އޮޕަރޭޝަން މަރުޙަލާގައި އުފެދޭ ވަޒީފާތަކާއެކު ޖުމްލަ 60،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަކަށް، ބިމުގެ 22 އިންސައްތަ ފެހި މައިޒާންތަކާއި ހުސް ޖާގަތަކަށް ހާއްސަކޮށްގެން ފަރުމާކުރެވޭ މި މަޝްރޫއަކީ ޒަމާނީ ފުރިހަމަ ސިޓީއެއް ރާއްޖޭގައި ބިނާވެގެންދާނެ ކަމުގެ ސާފު ހެއްކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް