ހުޅުމާލެ އޮތީ "ނިދަން އަރާ" ތަނެއްގެ ގޮތުގައި، މި އުޅެނީ އެކަން ބަދަލު ކުރަން: މުއްޠަލިބު
ލިޔުންތެރިޔާ
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުއްޠަލިބު ވާހަކަ ދައްކަވަނީ.
ހުޅުމާލެ ތަރައްޤީ ކޮށްގެން މިހާތަަނަށް އައިއިރު، އެތަން އޮތީ "ނިދަން އަރާ" ތަނެއްގެ ގޮތުގައި ކަމަށާއި، ރަސްމާލެ މަަޝްރޫއު ކުރިއަށް ގެންދަނީ އެކަން ބަދަލު ކުރެވޭނެ ގޮތަށް ކަމަށް ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ހުޅުމާލެ އަދިވެސް ފާހަގަވެފައި އޮތީ ހަަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ގުޅާލެވުނު ބްރިޖު އެޅި ފަހުން، މިހާރު ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ހުޅުމާލެ އިން މާލެ އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ވަޒީފާ އަދާ ކުރުމާއި، އެކި އެކި ބޭނުންތަކަށް ދުވާލަކު 60،000 މީހުން ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެ އަންނަ ކަމަށެވެ. އެއާއެކު މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ހުޅުމާލޭގައި އެކަށީގެންވާ މިންވަރަކަށް ވަޒީފާ އާއި އިޤްތިޞާދީ ފުރުސަތުތައް އަދިވެސް ޤާއިމު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެކަން ބަދަލު ކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
އެކަން ފާހަގަކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ސަރުކާރުން ރަސްމާލެ ތަރައްޤީ ކުރުމަށް ވިސްނާފައި އޮތީ، އެއީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ނޫން ކަމަށެވެ. ރަސްމާލެ ތަރައްޤީ ކުރުމާ އެކު، އެ ތަނުން ވަޒީފާގެ ފުރުސަތާއި، އިޤްތިޞާދީ ފުރުސަތުތަކުގެ އިތުރުން، އެކި އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އަދި ޚިދުމަތްތައް ހޯދުމަށް މާލެ އަންނަން ޖެހޭ އައުން ނިމުމަކަށް އަންނާނެ ކަމަށް ވެސް މުއްޠަލިބު ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ބިޔަ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބިގެންދާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް