ރައްޔިތުންނަށް ލިބޭ ކުރިއެރުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސިޔާސީ މުސްތަޤުބަލެއް ނެތް: މުންދު
ލިޔުންތެރިޔާ
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ---
ރައްޔިތުންނަށް ފައިދާވާނެ ބޮޑު ކުރިއެރުމަކާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސިޔާސީ މުސްތަގުބަލެއް ނޯންނާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ރައްޔިތުން ޖަވާބުދޭނެ ދުވަސް މާ ދުރުގައި ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
"ވީކަން" އަށް މައުލޫމާތު ދެއްވަމުން މުންދު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރު ބޮޑު ޕްރެޝަރަކަށް ވެއްޓިފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.
މުންދު ވިދާޅުވީ އެ ޚަބަރަކީ މަތިން ތިރިޔަށް ހުސް "ޚިޔާލީ ފޮލާ" އެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އޭނާގެ ނަން ހިމަނައިގެން އެ ރިޕޯޓުގައި ލިޔެފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް މުންދު ފާހަގަކުރެއްވި އެވެ.
ރާއްޖެ ޓީވީގެ މަގުސަދަކީ ކަންކަން އޮޅުވާލުން ކަމަށްވާ ނަމަ އެ ކުރަނީ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ބޭކާރު ކަމެއް ކަމަށް ސިފަކުރައްވަމުން މުންދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ކިތަންމެ ވަރަކަށް އަސަރު ކުރި ނަމަވެސް ރަސްމާލެ މަޝްރޫއު ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ބައެއްގެ އުންމީދުތަކަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުންނަށްޓަކައި ހިންގާ ގައުމީ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރަސްމާލެ މަޝްރޫއާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ގާނޫނީ އޮނިގަނޑު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، ކަމާބެހޭ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ދޮގު ވާހަކަ ދައްކައިގެން ސަރުކާރުގެ ޓީމު ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ދައްކަމުންދާ ދޮގު ވާހަކަތައް ސަރުކާރުން އަބަދުވެސް ދޮގުކުރަމުންދާއިރު، ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫއުގައި އޮޅުވާލާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް