Article Top
ޚަބަރު •

ބިން ހިއްކުން ބާރަށް ކުރިއަށް: އަންނަ އަހަރު މެދުތެރޭ ރަސްމާލެ އިން ގޯތި ދޫކުރަން ފަށަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބިން ހިއްކުން ބާރަށް ކުރިއަށް: އަންނަ އަހަރު މެދުތެރޭ ރަސްމާލެ އިން ގޯތި ދޫކުރަން ފަށަނީ

މިނިސްޓަރު ރ. ޢަބްދުﷲ މުއްޠަލިބް ---

ރަސްމާލޭގެ މާސްޓަ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި އެތަނުން ގޯތި ދޫކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ މާސްޓަ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

އެ މާސްޓަ ޕްލޭން ތައްޔާރުކުރާއިރު ބަލާނީ އާއިލީ ބޯހިޔާވަހިކަމުގައި ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ ގޮތަށާއި، މުސްތަގުބަލުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، "މޯލްޑިވްސް ވޯޓާފްރަންޓް މެރީނާ ޕްރޮޖެކްޓް" ގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ އެތަނުގައި ވަރަށް ބޮޑު އިޤްތިސާދެއް އުފެދިގެންދާނެ ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރިތައް އުފެދިގެން ދިއުމުން ރަސްމާލެއިން ދިވެހިންނަށް ޚާއްސަވެފައި އޮތް ބައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 800 ހެކްޓަރުގެ ބިން ހިއްކައި ނިންމާފަ އެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ހުޅުވާލާފައިވާއިރު، 20 އަހަރު ދުވަހުގެ ތެރޭގައި 150،000 މީހުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަކީ އެ ސިޓީގެ ދުރުރާސްތާ ތަޞައްވުރެކެވެ.

މީގެ އިތުރުން ރަސްމާލޭގެ ބިމުން 500 ހެކްޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގަ އެވެ. އެ މަސައްކަތް ކުރުމަށްޓަކައި ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު މިހާރު ވަނީ ކޮމާޝަލް ޓާމް ޝީޓުގައި ސޮއިކޮށް، އެއްބަސްވުމުގެ އިތުރު މަޝްވަރާތައް ފަށާފަ އެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްޤީކުރާ މި ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވެސް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް