Article Top
ލައިފްސްޓައިލް •

ތިން ޔުނިވާސްއެއްގެ ސުޕަހީރޯއިން އެކުގައި "އެވަންޖާސް: ޑޫމްސްޑޭ" ގެ ޓްރެއިލާ ނެރެފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ތިން ޔުނިވާސްއެއްގެ ސުޕަހީރޯއިން އެކުގައި "އެވަންޖާސް: ޑޫމްސްޑޭ" ގެ ޓްރެއިލާ ނެރެފި

އެވަންޖާސް: ޑޫމްސްޑޭ -- ފޮޓޯ/މާވެލް

މާވެލް ސްޓޫޑިއޯސްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތިން ޔުނިވާސްއެއްގެ ސުޕަހީރޯއިން އެއްތަނަކުން ފެނިގެންދާ ބޮޑު ފިލްމު، "އެވަންޖާސް: ޑޫމްސްޑޭ" ގެ ފައިނަލް ޓްރެއިލާ ރޭ ރަސްމީކޮށް އާންމުކޮށްފި އެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހު ދުނިޔޭގެ ސިނަމާތަކުގައި ދައްކަން ފަށާ މި ފިލްމުގެ އާ ޓްރެއިލާއާއެކު، ދިވެހި މާވެލް ސަޕޯޓަރުންނަށް ވެސް ވަނީ ބޮޑު ސަޕްރައިޒެއް ލިބިފަ އެވެ. އެގޮތުން، މަލްޓިވާސް ނެތިގެން ހިނގައިދާނެ ބޮޑު ނުރައްކަލަކުން ދުނިޔެތައް ސަލާމަތްކުރުމަށް އެވަންޖާސް، ފެންޓާސްޓިކް ފޯ، ތަންޑަބޯލްޓްސް އަދި ކްލާސިކް އެކްސް-މެން ގެ ބަތަލުން އެކުގައި ނުކުންނަ މަންޒަރު މި ޓްރެއިލާއިން ފެނިގެންދެ އެވެ.

މި ފިލްމުގެ އެންމެ ބޮޑު ހާއްސަ ކަމަކީ، ކުރިން "އަޔަން މޭން" ގެ ރޯލުން ދިވެހިންގެ ބޮޑު ތަރުހީބެއް ހޯދި މަޝްހޫރު އެކްޓަރު ރޮބަޓް ޑައުނީ ޖޫނިއާ، މާވެލްގެ އެންމެ ނުރައްކާތެރި ވިލަން "ޑޮކްޓާ ޑޫމް" ގެ ރޯލުން އެނބުރި އައުމެވެ.

މީގެ އިތުރުން، "ކެޕްޓަން އެމެރިކާ" ނުވަތަ ސްޓީވް ރޮޖާސް (ކްރިސް އިވަންސް) އަލުން ފެންނަ މަންޒަރު ވެސް ރޭ ނެރުނު ޓްރެއިލާގައި ހިމެނެ އެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ޕެގީ ކާޓާ އާއި އެ ދެމަފިރިންގެ ފުރާވަރުގެ ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ސްޓީވްގެ ގާތަށް "ފެންޓާސްޓިކް ފޯ" ގެ ޓީމު ގޮސް، ކުރިމަތިވެފައިވާ ބޮޑު ނުރައްކަލުގެ ވާހަކަ ކިޔައިދެ އެވެ.

މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޖޯ އަދި އެންތަނީ ރުސޯ (ރުސޯ ބްރަދާސް) ޑައިރެކްޓްކުރާ 2 ގަޑިއިރާއި 30 މިނިޓްގެ މި ފިލްމަކީ، 2019 ވަނަ އަހަރު ނުކުތް "އެވަންޖާސް: އެންޑްގޭމް" އަށްފަހު މާވެލްއިން ގެނެސްދޭ އެންމެ ބޮޑު އަދި އެންމެ އުންމީދީ ފިލްމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް