Article Top
ކުޅިވަރު •

ވާދޫ ބަލިކޮށް ފުވައްމުލަކުން ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ހޯދައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ވާދޫ ބަލިކޮށް ފުވައްމުލަކުން ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަން ފުވައްމުލައް ޝީލްޑް އުފުލާލަނީ -- ފޮޓޯ/ ފުވައްމުލައް ކައުންސިލް

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 2 ގެ ފައިނަލުގައި ރޭ ގދ. ވާދޫ 2-0 އިން ބަލިކޮށް، ޏ. ފުވައްމުލަކުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ފުވައްމުލަކު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގައި ފުވައްމުލަކަށް ލީޑު ނަގައިދިނީ 16 ވަނަ މިނިޓްގައި އަހުމަދު އަޖުމަލް އެވެ. އަދި ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓްގައި އިނާން އަހުމަދު ވަނީ އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

ކޯޗު އިބްރާހިމް ރަޝީދުގެ އިރުޝާދުގެ ދަށުން ކުޅުނު ފުވައްމުލަކު ޓީމުން މި މުބާރާތުގެ ތަށި އުފުލާލީ ޒޯންމެ މެޗަކުން ވެސް ބަލިނުވެ އެވެ. ތިން ޓީމު ވާދަކުރި މި ޒޯންގެ ގްރޫޕް ސްޓޭޖުގައި ފުވައްމުލަކުން ވަނީ ގދ. ފަރެސްމާތޮޑާ 3-0 އިން ބަލިކޮށް، ވާދޫއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ރަނަރަޕް ވާދޫ -- ފޮޓޯ/ ފުވައްމުލައް ކައުންސިލް
ރަނަރަޕް ވާދޫ -- ފޮޓޯ/ ފުވައްމުލައް ކައުންސިލް

ކޯޗު އަހުމަދު ވިސާލްގެ އިރުޝާދުގެ ދަށުން ކުޅުނު ރަނަރަޕް ވާދޫ ޓީމުން ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ފަރެސްމާތޮޑާ ކޮޅަށް 6-0 ގެ ބޮޑު މޮޅެއް ހޯދައިގެންނެވެ.

އުތުރު (ނޯތު) ޒޯންތަކުގެ ކުޅުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ނިމިފަ އެވެ. މިއާ އެކު އުތުރު ދެ ޒޯންގެ ފައިނަލް ކުޅުނު ހަތަރު ޓީމު ވަނީ ރީޖަން ލީގަށް ހޮވިފަ އެވެ. މޯލްޑިވްސް ފުޓްސަލް ލީގަށް ކޮލިފައިވާނީ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނެވެ.

ޒޯން ފައިނަލާ އެކު ފުވައްމުލަކާއި ވާދުއަށް ވެސް ވަނީ ސައުތު ރީޖަން ލީގުން ފުރުސަތު ލިބިފަ އެވެ.

ސައުތު ޒޯން 1 ގެ ސެމީ ފައިނަލްގެ ދެ މެޗު މިއަދު ކުޅޭނެ އެވެ. ހަވީރު ތ. ތިމަރަފުށްޓާއި ލ. އިސްދޫ ބައްދަލުކުރާއިރު ރޭގަނޑު ކުޅޭނީ ތ. ވޭމަންޑޫ އާއި ގއ. ދެއްވަދޫ އެވެ. ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސެންޓްރަލް ޒޯން 1 ގެ ފައިނަލް މެޗު ވެސް އޮންނާނެ އެވެ. ބައްދަލުކުރާނީ ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫ އެވެ. އެއަށް ފަހު އއ. ބޮޑުފޮޅުދޫ އާއި ކ. ގާފަރު ބައްދަލުުރާ ސެންޓްރަލް ޒޯން 1 ގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް