Article Top
ލައިފްސްޓައިލް •

ޕާކިސްތާނުގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް އަންނަ މަހު ރިލީޒްކުރަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޕާކިސްތާނުގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް އަންނަ މަހު ރިލީޒްކުރަނީ

ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ސިނާއަތުގެ ތާރީޚުގައި ވެސް އުފައްދާ ފުރަތަމަ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް، "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާނެކަން ނެޓްފްލިކްސްއިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ބައިނަލްއަގުވާމީ މާކެޓުގައި "އޯލް ދަ ލަވް އަވާ ހާޓްސް ކެރީ" ގެ ނަމުގައި ސްޓްރީމްކުރާ މި ސީރީޒްގެ ފުރަތަމަ ބައި ޑިސެމްބަރު 4 ގައި ނެޓްފްލިކްސްއަށް ދޫކޮށްލާއިރު، ސީރީޒްގެ ރަސްމީ ޓްރެއިލާ މިއަދު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސީރީޒް ވެގެންދާނީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕާކިސްތާނުގެ އެންމެ މަގުބޫލު ގިނަ ތަރިންތަކެއް އެއްތަނަކުން ފެނިގެންދާނެ ސީރީޒް އަކަށެވެ. އެގޮތުން، 2011 ވަނަރުމަ އަހަރު ނުކުތް މަޝްހޫރު ޑްރާމާ "ހަމްސަފަރު" އަށްފަހު، ފަވާދު ހާން އާއި މާހިރާ ހާން އެކުގައި ޑްރާމާ ސީރީޒަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، ޒުވާން މަޝްހޫރު ތަރިން ކަމަށްވާ އަހަދު ރަޒާ މީރު، އިގްރާ އަޒީޒް، ހާނިއާ އާމިރު، ސަނަމް ސައީދު، ހަމްޒާ އަލީ އައްބާސީ، މާޔާ އަލީ، އާމިނާ ޝެއިހް، ބިލާލް އަޝްރަފް، އަހްމަދު އަލީ އަކްބަރު އަދި ޚުޝްހާލް ހާން ފަދަ ތަރިން މި ސީރީޒްގައި މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ ފަރުހަތު އިޝްތިއާގް 2013 ވަނަ އަހަރު ލިޔުނު ކާމިޔާބު އުރުދޫ ވާހަކައިގެ މައްޗަށް ބިނާކޮށް، މޮމިނާ ދުރައިދު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ މި ސީރީޒްގައި ތިން ޖީލެއްގެ މައްޗަށް ބެހިފައިވާ ލޯބީގެ ހަ ވާހަކައެއް ގެނެސްދެ އެވެ. ސީރީޒްގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ އިޓަލީގެ ހާވާޑް ޔުނިވަސިޓީގައި ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ސިކަންދަރު (އަހަދު ރަޒާ މީރު) އާއި، ހިތްދަތި މާޒީއެއް އޮތް ހުނަރުވެރި އާޓިސްޓެއް ކަމަށްވާ ލީޒާ (އިގްރާ އަޒީޒް) ގެ ދިރިއުޅުމުގެ މައްޗަށެވެ.

އިޓަލީ އާއި އިނގިރޭސިވިލާތުގެ އިތުރުން ޕާކިސްތާނުގެ ހިތްގައިމު މަންޒިލްތަކުގައި މި ސީރީޒްގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް