މަޝްހޫރު ވީޑިއޯ ގޭމް "ޖީޓީއޭ 6" ގެ ޑިޒައިން ޓީމުގައި ބަންގްލަދޭޝްގެ ފަންނާނެއް
ލިޔުންތެރިޔާ
ސަލްމާން --
ދުނިޔޭގެ އެންމެ މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް ކަމަށްވާ "ގްރޭންޑް ތެފްޓް އޮޓޯ" ގެ އެންމެ ފަހުގެ ގޭމް، "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ގެ ކެރެކްޓާ އާޓިސްޓެއްގެ ގޮތުގައި ބަންގްލަދޭޝްގެ 3ޑީ އާޓިސްޓެއް ކަމަށްވާ ސަލްމާން ރަހްމާން އަންތަރު މަސައްކަތްކޮށް، ބައިނަލްއަގުވާމީ ގޭމިން އިންޑަސްޓްރީގައި މަގުބޫލުކަން ހޯދައިފި އެވެ.
ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު މި މަހުގެ 19 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރުނު މި ގޭމްގެ ރަސްމީ ކްރެޑިޓް ލިސްޓުގައި އުމުރުން 34 އަހަރުގެ ސަލްމާންގެ ނަން ވަނީ ހިމެނިފަ އެވެ. މިއީ މިހާ ބޮޑު ބައިނަލްއަގުވާމީ "ޓްރިޕަލް އޭ" ގޭމެއްގެ ރަސްމީ ކްރެޑިޓް އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ރޮކްސްޓާ ގޭމްސްގެ ކެނެޑާގެ ޓޮރޮންޓޯ ސްޓޫޑިއޯގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފުލްޓައިމް ކެރެކްޓާ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސަލްމާން، ފާއިތުވި ހަތަރު އަހަރު ހޭދަކުރީ "ޖީޓީއޭ 6" ގެ ވާޗުއަލް ދުނިޔެ ފުރިހަމަކުރުމުގަ އެވެ. އެގޮތުން ގޭމްގެ މައިގަނޑު ވާހަކަ ހިނގާ "ވައިސް ސިޓީ" އާއި "ލިއޮނިޑާ" ގެ މަގުތަކުން ފެންނަ އާންމު ކެރެކްޓާތައް (އެންޕީސީ) 3ޑީކޮށް ފަރުމާކުރުމާއި، އެ ކެރެކްޓާތަކުގެ ސިފައާއި ހެދުން އެޅުމުގެ ވައްޓަފާޅި ޑިޒައިންކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އަހްސަނުﷲ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން 2015 ވަނަ އަހަރު އާކިޓެކްޗާ ދާއިރާއިން ޑިގްރީ ހާސިލުކުރި ސަލްމާން، ވީޑިއޯ ގޭމް ޑިޒައިންގެ ދާއިރާއަށް ބަދަލުވީ ކުޑައިރުއްސުރެ ވެސް "ޖީޓީއޭ" ފަދަ ގޭމްތަކަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެގޮތުން ކެނެޑާގެ ޖޯޖް ބްރައުން ކޮލެޖުން "ގޭމް އާޓް" ގެ ޑިޕްލޮމާ ފުރިހަމަކުރުމަށްފަހު، އޭނާ ރޮކްސްޓާ ގޭމްސްއާ ގުޅުނީ އެވެ.
ގޭމް ނެރުމާއެކު ސޯޝަލް މީޑިއާގައި އޭނާގެ މި ކާމިޔާބީ ހިއްސާކުރުމުން، ބަންގްލަދޭޝްއާއި ދެކުނު އޭޝިއާގެ ގިނަ ބައެއްގެ ތައުރީފާއި މަރުހަބާ އޭނާއަށް އަންނަނީ ލިބެމުންނެވެ.
ރޮކްސްޓާ ގޭމްސްއިން ނެރުނު "ޖީޓީއޭ 6" އަށް ފުރަތަމަ ދުވަހު އެކަނި ވެސް 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، މުނިފޫހިފިލުވުމުގެ ތާރީހުގައި ވެސް އެންމެ ބޮޑު ވިޔަފާރިއެއް ކުރި އުފެއްދުމުގެ ރެކޯޑް ވަނީ މުގުރާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް