Article Top
ކުޅިވަރު •

ބަންގްލަދޭޝް ދަރިކޮޅުގެ ޒުވާން ސުލިވަން؛ އެމެރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ބަންގްލަދޭޝް ދަރިކޮޅުގެ ޒުވާން ސުލިވަން؛ އެމެރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ

ކެވަން ސުލިވަން -- ފޮޓޯ/ ފޮކްސް

ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާ، ކެވަން ސުލިވަން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ މި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައި، ލީގުގެ ތާރީހުގައި ވެސް މި ޝަރަފު ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފި އެވެ.

ފިލަޑެލްފިއާ ޔޫނިއަންއަށް ކުޅެމުން އަންނަ މިޑްފީލްޑަރު މި އެވޯޑް ކާމިޔާބުކުރީ އުމުރުން 17 އަހަރާއި 56 ދުވަހުގަ އެވެ. ކުޅުންތެރިންނާއި ކްލަބްތަކުގެ ޓެކްނިކަލް ސްޓާފުން އަދި މީޑިއާގެ ވޯޓުން ހޮވި މި މަގާމު ސުލިވަން ހޯދީ ނިއު ޔޯކް ރެޑް ބުލްސްގެ ޖޫލިއަން ހޯލް އާއި އަދްރީ މެހްމެޓީއާ ވާދަކޮށްގެންނެވެ.

މި ސީޒަންގައި ފިލަޑެލްފިއާ ޔޫނިއަންގެ ސީނިއާ ޓީމުގައި ގަވާއިދުން ކުޅެމުން އައި ސުލިވަން ވަނީ ކުޅުނު 29 މެޗުގައި ނުވަ ގޯލު ޖަހައި، 14 ގޯލު ޖެހުމަށް އެހީވެފަ އެވެ. މިއީ އެމްއެލްއެސްގެ ތާރީހުގައި ވެސް 20 އަހަރުން ދަށުގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދި އަދި އެންމެ ގިނަ ގޯލުގައި ބައިވެރިވި ފަހަރެވެ. މީގެ އިތުރުން، ޖެހިޖެހިގެން 10 މެޗުގައި ގޯލެއް ޖަހައި ނުވަތަ އެސިސްޓެއް ހަދައިގެން ވެސް އޭނާ ވަނީ ލީގުގެ ރެކޯޑެއް މުގުރާލައިފަ އެވެ.

އުމުރުން 18 އަހަރު ފުރުމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް މިހާރު ވެސް އެއްބަސްވެފައިވާ ސުލިވަން ވަނީ މި އަހަރު އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެން ފަށައިފަ އެވެ. އަދި އުމުރުން 17 އަހަރާއި ފަސް ދުވަހުގައި މެކްސިކޯ ކޮޅަށް ލަނޑު ޖަހައި، އެމެރިކާ ގައުމީ ޓީމަށް ގޯލު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

ކެވަން ސުލިވަންގެ މަންމަ ފަރާތު މާމަ، އަކީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އުފަން މީހެކެވެ. ފަހުން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި މި އާއިލާގެ ހަތަރު ފިރިހެން ކުދިންނަކީ ވެސް ފުޓްބޯޅަ ކުޅުންތެރިންނެވެ.

ކެވަން އާއި އޭނާގެ އެންމެ ދޮށީ ބޭބެ ކްއިން ސުލިވަން އެމެރިކާގެ ގައުމީ ޓީމު ހިޔާރުކުރި ނަމަވެސް، ކެވަންގެ ދޮށީ އެއްމާބަނޑު ދެ ބޭބެއިން ކަމަށްވާ ރޯނަން ސުލިވަން އާއި ޑެކްލަން ސުލިވަން ކުޅެނީ މާމަގެ އުފަން ގައުމު ކަމަށްވާ ބަންގްލަދޭޝްގެ ގައުމީ ޓީމަށެވެ.

މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދިއިރު، އެ ޓީމުގައި ރޯނަން އާއި ޑެކްލަން ވަނީ މާލޭގެ ގަލޮޅު ދަނޑުގައި ކުޅެފަ އެވެ۔ އެ މުބާރާތުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ފޯވާޑް ރޯނަން ސުލިވަން ވަނީ ހިލޭ ޖެހުމަކުން ޖެހި ގޯލަކާއެކު ދެ ލަނޑު ކާމިޔާބުކޮށް، ދެކުނު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ހޯދައިފަ އެވެ.

މި މަހު ޑާކާގައި ބޭއްވި ސީނިއާ ސާފް ޗެމްޕިއަންޝިޕް 2026 ގެ ބަންގްލަދޭޝް ސްކޮޑުން ވެސް ރޯނަންއަށް ފުރުސަތު ލިބުނެވެ. ނަމަވެސް، ޓީމާ ގުޅެން ޑާކާއަށް ދިއުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ފަހު ވަގުތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ۔

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް