އީގަލްސްގެ ފުރަތަމަ ބަލި، ނިއު ކުރިއަށް ޖެހިލައިފި
ލިޔުންތެރިޔާ
ސެންޓޭ )ވ( އާއި ޑޮރިއެލްޓަން )ކ( -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން އީގަލސް ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގެ ކުރިން އީގަލްސް ލީގުގައި ކުޅުނު ފަސް މެޗުން އެ ޓީމު ކޮޅަށް ވަދެފައި ވަނީ ތިން ގޯލެވެ. ނަމަވެސް މިއަދު މެޗުގެ ފުރަތަމަ ފާހުގައި ނިއު އިން ވަނީ ތިން ގޯލލު ޖަހައިފަ އެވެ.
އެގޮތުން ނިއުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ޖެހީ ޑޮރިއެލްޓަން ގޮމޭޒް އެވެ. ދެވަނަ ލަނޑު އަލީ އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން ކާމިޔާބުކުރީ ސެންޓޭ އެވެ. އަދި ތިންވަނަ ލަނޑު އަޝްފާގް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ކާމިޔާބުކުރީ ޑޮރިއެލްޓަން އެވެ.
ދެވަނަ ހާފުގައި ސެންޓޭ ދިން ބޯޅައަކުން ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް މައިސާން (މައި) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ދެންޓޭ 67 މިނިޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ އީގަލްސްގެ ހާފު ތެރެއިން ބޯޅަ ހޯދައިގެން ކުރިއަށް އަރައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދެ ދަނޑީގައި ޖައްސާލައިފަ އެވެ. އޭގެ 10 މިނިޓް ފަހުން ޔާޔާ ބިލިޓީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ވަނީ ނިއުގެ ހަވަނަ ގޯލު ޖަހައިދީފަ އެވެ.
އީގަލްސް އިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނިޓުގައި ޖަހައިދިނީ އެ ޓީމުގެ މިސްރު މިޑްފީލްޑަރު އާމިއު ޝުއެއިބް އެވެ.
ނިއު އަށް އެ ޓީމުގެ ހަތްވަނަ ގޯލު މެޗުގެ 88 ވަނަ މިނިޓުގައި ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
މި ނަތީޖާއާ އެކު ނިއު ވަނީ ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެން ތާވަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް ހަ މެޗު ކުޅެގެން 11 ޕޮއިންޓް ހޯދާފައިވާ އީގަލްސް މިވަގުތު އޮތީ ތިންވަނައިގަ އެވެ.
އީގަލްސްގެ މި ބައްޔާ އެކު ލީގުގައި މިހާތަނަށް ބަލި ނުވެ އޮތީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ލީގުގައި މިރޭ 21:00 ގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް