ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު އަނެއްކާ ވެސް ރާއްޖެއަށް: ކޭމްޕް ކުރަނީ ކ. ގުރައިދޫގަ!
ލިޔުންތެރިޔާ
މިދިޔަ އަހަރު ގަލޮޅު ދަނޑުގައި ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކުކޅުނު މެޗެއްގެކުރިން -- ފޮޓޯ/އެފްއޭއެމް
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރުގެ ޓްރޭނިން ކެމްޕުގައި ފަލަސްތީނު ޓީމު ބޭސް ކުރާނީ ކ. ގުރައިދޫގަ އެވެ. މި ދަތުރުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 30 އަދި އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. ކެމްޕު ނިންމާލުމަށްފަހު ފަލަސްތީނު ޓީމު ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 5 ގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ރާއްޖޭގައި ނުވަ ދުވަހުގެ ކެމްޕެއް ފުރިހަމަކޮށްފަ އެވެ. އެފަހަރުވެސް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުނެވެ.
އެގޮތުން މިދިޔަ އަހަރު ކުޅުނު ފުރަތަމަ މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފަލަސްތީނުން ކާމިޔާބުކުރިއިރު، ދެވަނަ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ. މިދިޔަ އަހަރުގެ ކެމްޕަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސަރުކާރާއި އެފްއޭއެމް ގުޅިގެން ހާއްސަ ސުވެނިއާ ޓިކެޓްތަކެއް ވިއްކައިގެން ފަންޑު ހޯދި ހަރަކާތެކެވެ.
މިފަހަރުގެ ކެމްޕަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި ދެ ގައުމުގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ފުރުސަތެއް ކަމަށް އެފްއޭއެމް އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް