އަންހެން ފުލުހުންގެ ލީޑާޝިޕް ތަމްރީނު ޕްރޮގްރާމެއްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ
ލިޔުންތެރިޔާ
ސްޓްރެންތެނިން ވިމެން ލީޑާޝިޕް އިން ޕޮލިސް ސާވިސް ޑެލިވަރީ 1 ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން.
ޖަކާޓާ ސެންޓާ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން އިން އިންތިޒާމު ކޮށްގެން އިންޑޮނޭޝިއާގެ ސެމަރަންގްގައި ކުރިއަށް ގެންދިޔަ "ސްޓްރެންތެނިން ވިމެން ލީޑާޝިޕް އިން ޕޮލިސް ސާވިސް ޑެލިވަރީ 1" ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 16 އިން 20 އަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެފައި ވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާޝިތާ އިބްރާހީމް އާއި އިންސްޕެކްޓާ އޮފް ޕޮލިސް ރުޤިއްޔާ ސިމާ އެވެ.
ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން އޮފިސަރުންގެ ލީޑާޝިޕް ޤާބިލުކަން އިތުރު ކުރުމަށް އަމާޒު ކޮށްގެން ހިންގި މި ޕްރޮގްރާމުގައި، ފުލުހުންގެ ލީޑާޝިޕް އާއި، ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ މުއާމަލާތް ކުރުމުގެ ހުނަރުތަކާއި، މުއައްސަސާ އަށް އަންނަ ބަދަލުތައް މެނޭޖުކުރުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އޯގަނައިޒޭޝަނަލް ޕްލޭނިން ހުނަރުތައް ތަރައްޤީ ކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވެ އެވެ.
މީގެ އިތުރުން، ޕްރޮފެޝަނަލް ގުޅުންތައް ބަދަހިކުރުމާއި، ޒިންމާދާރުކަމާއެކު ނިންމުންތައް ނިންމުމުގެ އިތުރުން، ހަރުދަނާ ލީޑާޝިޕެއް ބިނާކުރުމުގައި އަޚުލާޤާއި ޝަހުސިއްޔަތު އަދާކުރާ މުހިންމު ދައުރާ ގުޅޭ ގޮތުން މި ތަމްރީނުގައި އަލިއަޅުވާލާފައިވެ އެވެ. ހަމައެއާއެކު، އޮފިސަރުންގެ މަސައްކަތުގެ ފެންވަރާއި ސާބިތުކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް އާންމު ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެ އެވެ.
އިންޑޮނޭޝިއަން ނޭޝަނަލް ޕޮލިސް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ގުޅިގެން އުފައްދާފައިވާ ޖޭސީއެލްއީސީ އަކީ ސަރަހައްދީ ފެންވަރުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، ޚާއްސަކޮށް ތަންފީޒީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި ލީޑާޝިޕް ހުނަރުތައް ކުރިއެރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ މަރުކަޒެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް