Article Top
ޚަބަރު •

ކަސްޓަމްސްގެ 136 އަހަރުގެ ދިގު ތާރީހު ފެންނަ ހާއްސަ ފޮތެއް ނެރެފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކަސްޓަމްސްގެ 136 އަހަރުގެ ދިގު ތާރީހު ފެންނަ ހާއްސަ ފޮތެއް ނެރެފި

"އެންމެ ގިނަ ދުވަސްވީ މުއައްސަސާ - ރެއާއި ދުވާލު ޚިދުމަތުގައި 136 އަހަރު" ފޮތް ނެރެނީ --

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ޤާއިމުކުރެވުނުތާ 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ކުލަގަދަ ޙަފްލާގައި، އެ މުއައްސަސާގެ ދިގު ތާރީޚު ބަޔާންކޮށްދޭ ޚާއްޞަ ފޮތެއް އިފްތިތާޙުކޮށްފިއެވެ.

"އެންމެ ގިނަ ދުވަސްވީ މުއައްސަސާ - ރެއާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ. މި ފޮތަކީ މުއައްސަސާގެ ތާރީޚީ ތަރިކަ ރައްކާތެރިކުރުމުގެ މަޤްޞަދުގައި އެކުލަވައިލެވުނު މުހިންމު ފޮތެކެވެ.

ފޮތް ނެރެދެއްވުމަށްފަހު، އެ ފޮތް އެކުލަވައިލުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޗީފް ސުޕްރިންޓެންޑެންޓް ޑރ. ފާޠިމަތު މުޙައްމަދު ވަނީ ފޮތާ ބެހޭ ޚުލާޞާ ތަޢާރަފެއް ދެއްވާފައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ފޮތަކީ މުއައްސަސާގެ ތާރީޚާއި، އެކި ދުވަސްވަރު އައިސްފައިވާ ބަދަލުތަކުގެ އިތުރުން ހޯދާފައިވާ ކާމިޔާބީތައް ސިފަކޮށްދޭ ފޮތެކެވެ. އަދި މިއީ 136 އަހަރުގެ މެދުކެނޑުމެއްނެތް ޚިދުމަތާއި ވަފާތެރިކަމަށް ދެވުނު ޚާއްޞަ އިޙްތިރާމެއް ކަމަށް ވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.

އެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސަވައިލަންސް ޑްރޯން އަދި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ

ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯންތަކަކީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އަދި އޮޕަރޭޝަންތަކުގައި އޮފިސަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާތަކަކީ އެމެރިކާ ސަރުކާރުގެ އެހީގައި ހަދިޔާކޮށްފައިވާ ވަސީލަތްތަކެކެވެ.

މި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއި، އޮޕަރޭޝަންތަކުގެ ދެފުށްފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

ރޭގެ ޙަފްލާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް، އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު އޮފިސަރުންނަށް އިނާމާއި ޝަރަފުގެ ކުލަ އަރުވާފައިވެއެވެ. އެގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" 4 އޮފިސަރަކަށް އަރުވާފައިވެއެވެ.

މީގެ އިތުރުން ކަސްޓަމްސްގައި މެދުކެނޑުމެއްނެތި 20 އަހަރު ޚިދުމަތް ކުރައްވާފައިވާ 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ޚިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންނަށް ދޭ "ކޮމިޝަނަރ ޖެނެރަލްސް އެވޯޑު" 28 އޮފިސަރަކަށް ވަނީ އަރުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް