ވަށަފަރުގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް 400 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ގެންގޮސްފި
ލިޔުންތެރިޔާ
ވަށަފަރަށް ގެންދިޔަ އައު ޖަނެރޭޓަރު--
ހއ. ވަށަފަރުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ވަށަފަރުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ހިދުމަތުގެ ފަސޭހަކަން އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ވަށަފަރަށް އައު ޖަނަރޭޓަރު ސެޓެއް އިއްޔެ ގެންދިޔައިރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވެސް ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތްކުރައްވައި އެ ރަށުގެ އިންޖީނުގެއާއި، އޮފީސް އިމާރާތުގެ އިތުރުން ފެން ޕްލާންޓުގެ ހާލަތު ބައްލަވާލައްވާފައެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ސްޓެލްކޯގެ އެމްޑީ ވަނީ އެ އަތޮޅު ހޯރަފުއްޓަށް ވެސް ވަޑައިގެންފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސްޓެލްކޯއިން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް