ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ލިޔުންތެރިޔާ
ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ އިފްތިތާހު ކުރުމުގެ ތެރެއިން.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް ފަށައިފި އެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި އެވެ.
ކަސްޓަމްސްގެ މަސައްކަތްތަކުގައި އަލަށް ބޭނުން ކުރަން ފެށި ސަވައިލަންސް ޑްރޯން އަކީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ. މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާ އަކީ އެމެރިކާ އިން ހަދިޔާ ކޮށްފައިވާ ވަސީލަތެކެވެ.
އެ ޖަލްސާގައި، ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވެސް ވަނީ ނެރެފައި އެވެ. "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި ކަސްޓަމްސްގެ ތާރީޚާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ވަނީ ހިމަނާފައި އެވެ.
އެ ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް، އެކި ދާއިރާ ތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފައި އެވެ. އެގޮތުން، ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" 4 އޮފިސަރަކަށް ވަނީ އަރުވާފައި އެވެ.
މީގެ އިތުރުން ކަސްޓަމްސް އަށް 20 އަހަރު ޚިދުމަތް ކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އަރުވާފައިވާއިރު، ޚިދުމަތުގައި ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް ދޭ ކޮމިޝަނާ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް