މުޅި ރާއްޖޭގައި ހިނގި އެކްސިޑެންޓުގެ 64 އިންސައްތަ އެކްސިޑެންޓު ހިނގީ ހުޅުމާލޭގައި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް ދޭއްގައި އުޅަނދުތަކެއް ދުއްވާ މަންޒަރު.
މުޅި ރާއްޖެ އިން ރިޕޯޓުކުރެވުނު އެކްސިޑެންޓު ތަކުގެ 64 އިންސައްތަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭގައި ކަމަށް ފުލުހުންގ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އެކަނި ވަނީ 1295 އެކްސިޑެންޓް ހިނގައިފައި އެވެ. މި އަދަދު ތަކަށް ބަލާއިރު، މިއީ އެ މުއްދަތުގައި މުޅި ރާއްޖެ އިން ރިޕޯޓު ކޮށްފައިވާ 2018 އެކްސިޑެންޓުގެ 64 އިންސައްތަ އެވެ.
މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ މިއަހަރުގެ ކޮންމެ މަހެއްގައި ވެސް، 200 އަށް ވުރެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގައި އެވެ. ހުޅުމާލޭ ފޭސް އެކެއްގައި 887 އެކްސިޑެންޓް ހިނގާފައިވާއިރު، ފޭސް ދޭއްގައި ވަނީ 408 އެކްސިޑެންޓް ހިނގައިފައި އެވެ.
ފުލުހުން ވަނީ އެންމެ ގިނައިން އެކްސިޑެންޓް ހިނގާ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދު ތަކާއި، އެކްސިޑެންޓް ހިނގާ ކަމަށް ރިޕޯޓު ކޮށްފައިވާ ވަގުތު ވެސް އާންމުކޮށްފައި އެވެ. މި ދުވަސްވަރު މާލެ އާއި ހުޅުމާލޭގައި ގިނަ އަދަދަކަށް އެކްސިޑެންޓް ހިނގަމުން އަންނައިރު، ބައެއް އެކްސިޑެންޓުގައި ބޮޑެތި އަނިޔާތައް ލިބި، ހިތާމަވެރި ހާދިސާތައް ވެސް ވަނީ ހިނގައިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް