Article Top
ކުޅިވަރު •

ނިއު ބަލިކޮށް ވިކްޓަރީ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ނިއު ބަލިކޮށް ވިކްޓަރީ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ގެރޯ ގޯލު ޖެހުމަށް ފަހު -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ފުނަގައިފި އެވެ.

މިއީ މި ފަހަރުގެ ލީގުގައި ނިއު ބަލިވި ފުރަތަމަ މެޗެވެ. މިއާ އެކު ވާދަކުރާ 10 ޓީމުގެ ތެރެއިން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވިކްޓަރީ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ، މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު އަލްހާޖީ ގެރޯ އެވެ. އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން ގޭރޯ ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު ހުރަސްކުރީ ކީޕަރު މުހައްމަދު ފައިސަލްގެ އަތުގައި ޖެހިފަ އެވެ.

ނަމަވެސް 31 ވަނަ މިނެޓުގައި ޑޮރިއެލްޓަން ނަސިމެންޓޯ (ޑޯރީ) ނަގައިދިން ހުރަހަކުން މުހައްމަދު ނާއިމް ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ ހިނގި ހަމަނުޖެހުމަކާ ގުޅިގެން، ނިއުގެ ނާއިމް އާއި ވިކްޓަރީގެ މިރްޖަލޯލް ކަސީމޯވްއަށް ރަތް ކާޑު ދައްކައި ދެ ޓީމުވެސް އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ވިކްޓަރީ މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ ގެރޯ އެވެ. އަހުމަދު ރިޒްވާން (ރިޒޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޭރޯ މި ލަނޑު ޖެހިއިރު، އިތުރު ވަގުތުގައި ޑޯރީ ބޮލުން ޖެހި ނުރައްކާތެރި ބޯޅަ ވިކްޓަރީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ވިކްޓަރީއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނިއު، އޮޑި އަދި އީގަލްސްއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް