Article Top
ޚަބަރު •

ވޯލްޑް ސްކޮލާސް ކަޕްގެ ގަދަ 15 ގައި ބިލަބޮންގް ހައި ހިމެނި، ރާއްޖެއަށް ފަހުރުވެރި ކާމިޔާބީއެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ވޯލްޑް ސްކޮލާސް ކަޕްގެ ގަދަ 15 ގައި ބިލަބޮންގް ހައި ހިމެނި، ރާއްޖެއަށް ފަހުރުވެރި ކާމިޔާބީއެއް

ބިލަބޮންގްގެ ދަރިވަރުން -- ފޮޓޯ/ ބިލަބޮންގްް

އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ބޭއްވި "ވޯލްޑް ސްކޮލާސް ކަޕް" (ޑަބްލިއުއެސްސީ) ގެ "ޓޯނަމަންޓް އޮފް ޗެމްޕިއަންސް" ގައި ވާދަކޮށް، ރާއްޖޭގެ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ދުނިޔޭގެ ގަދަ 15 ޓީމުގެ ތެރޭގައި ހިމެނި ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 400 އަށްވުރެ ގިނަ ޓީމާއި 1,200 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރި މި ބައިނަލްއަގުވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ހަމައެކަނި ދަރިވަރުންނަކީ ބިލަބޮންގް ހައިގެ ހަތަރު ދަރިވަރުންނެވެ.

މި މުބާރާތުގައި "ޓީމް 365" ގެ ނަމުގައި ވާދަކުރި ބިލަބޮންގް ހައިގެ ދަރިވަރުން ކަމަށްވާ ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ ޖުމްލަ 27 ރަން މެޑަލާއި 2 ރިހި މެޑަލް ހޯދައި، މުޅި މުބާރާތުން 13 ވަނަ ހާސިލްކޮށްފައެވެ. މީގެ ކުރިން މި ޓީމުން ވަނީ ރާއްޖޭގެ ރީޖަނަލް ރައުންޑުން 1 ވަނަ އަދި ބެންކޮކްގައި ބޭއްވި ގްލޯބަލް ރައުންޑުން 3 ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން، އެ ސްކޫލްގެ ދަރިވަރު އައިޝަތު އަލީޝާ އެހެން ޓީމެއްގައި ވާދަކޮށް، އެއް ރަން މެޑަލާއި ދެ ރިހި މެޑަލް ވަނީ ކާމިޔާބުކޮށްފައެވެ.

ވަކިވަކި ދަރިވަރުންގެ ބައިން ބަލާއިރު، ކާހިލް އަސީލް ވަނީ 1,200 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި ހިމެނި، 13 ވަނަ ހޯދައިފަ އެވެ. އަދި މުބާރާތުގެ ހުރިހާ މާއްދާއަކުން (ހަ މާއްދާއިން) ރަން މެޑަލް ހޯދައި، ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑަލާއެކު އޭނާ ވަނީ ތަފާތު މޮޅު ނަތީޖާއެއް ނެރެފަ އެވެ. މިއީ މުބާރާތުގައި ވާދަކުރި ކޮންމެ 100 ދަރިވަރަކުން އެއް ދަރިވަރަކަށްވެސް ހާސިލްނުކުރެވޭ ފަދަ މަތީ ކާމިޔާބީއެކެވެ. މީގެ ކުރިން ބެންކޮކް ގްލޯބަލް ރައުންޑުންވެސް ކާހިލް ވަނީ ވަކިވަކި ދަރިވަރުންގެ ބައިން 2 ވަނަ ހޯދައިފަ އެވެ.

މި ކާމިޔާބީއާ ގުޅިގެން ކާހިލް އަސީލް ބުނީ، ދިވެހި ދަރިވަރުންނަކީވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ބައެއްކަން ސާބިތުކޮށްދެވުމުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، މި ކާމިޔާބީގެ އަސްލަކީ ޓީމުގެ ބައިވެރިންނާއި މުދައްރިސުން އަދި އާއިލާގެ އެއްބާރުލުން ކަމަށެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޝަހީމް ވިދާޅުވީ، ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންނާ ވާދަކުރެވޭނެކަން މި ކުދިން ސާބިތުކޮށްދީފި ކަމަށެވެ. އަދި މި ދަރިވަރުންނަށް އެހީތެރިވި މުދައްރިސުންނާއި ކޯޗުން އަދި ބެލެނިވެރިންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް