ވަށަފަރު ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލެއް: އައު އިމާރާތުގެ މަސައްކަތް ނިންމާލައިފި
ލިޔުންތެރިޔާ
ވަށަފަރު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވުނު އިމާރާތް--
ހއ. ވަށަފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްޓަކައި އިމާރާތްކުރި އައު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢު ނިމުމާއެކު އެ ރަށުގައި ދެމުން އަންނަ ޞިއްޙީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 4.85 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ވަނީ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދީފައެވެ.
އައު އިމާރާތުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ބަލިމީހުން އެޑްމިޓްކުރާ ވޯޑާއި ޕްރައިވެޓް ރޫމްތަކުގެ އިތުރުން ލެބޯޓްރީއާއި، ޕްރޮސީޖަރ ރޫމް އަދި ނަރުހުންގެ ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މީގެ އިތުރުން އެމްބިއުލާންސް ގަރާޖަކާއި މެޑިކަލް ސްޓޯރޭޖް ފެސިލިޓީޒް ވެސް މި އިމާރާތުގައި ވަނީ ގާއިމުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށާއި، ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.
މި އައު އިމާރާތާއެކު ވަށަފަރުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބިގަތުމަށް މަގުފަހިވެ، އެމެޖެންސީ ހާލަތްތަކުގައްޔާއި އާންމު ފަރުވާ ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް