ދިޔަމިގިލީ ސްކޫލް އިމާރާތުގެ މަސައްކަތް 235 ދުވަހުން ސިފައިން ނިންމާލައިފި
ލިޔުންތެރިޔާ
ސިފައިން ނިންމި ދިޔަމިގިލީ ސްކޫލް
ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ ތިން ބުރި އިމާރާތުގެ މަސައްކަތް ސިފައިން ނިކުމެ، އެންމެ 235 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފި އެވެ.
މި އަހަރުގެ މާރިޗު 31 ވަނަ ދުވަހު ސިފައިންނާ ހަވާލުކުރި މި މަޝްރޫއު އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) އިން ކުރިއަށް ގެންގޮސްފައިވަނީ ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ކުރި ބުރަ މަސައްކަތުންނެވެ.
އެމްއެންޑީއެފުން ބުނީ މިއީ ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި ގިނަ ގޮންޖެހުންތަކަކާ އެކު ކުރި ކާމިޔާބު މަސައްކަތެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރިން އަޅާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އިތުރު ކޮލަމްތައް އަޅައި ސްޓްރަކްޗާ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މީގެ އިތުރުން ކޮންކްރީޓް އެޅުމާއި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތަކުގެ އިތުރުން، ސާވާ ރެކާއި، ޕީއޭ ސިސްޓަމް، ފަޔާ އެކްސްޓިންގުއިޝާ އަދި ސްކޫލުގެ ނަންބޯޑު ހަރުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ.
މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ހަރަކާތްތެރިވީ އެމްއެންޑީއެފް ސާވިސް ކޯގެ އެމްއީގެ ވޮރަންޓް އޮފިސާ 2 ޖައުފަރު މުހައްމަދެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ފަސްޓް ސާޖަންޓް އަހުމަދު ހާލިދެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސިގްނަލްސް އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) ގެ އިތުރުން ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިންގެ ފުރިހަމަ އެހީތެރިކަން ލިބިފައިވެ އެވެ.
މަސައްކަތް ފެށުނީއްސުރެ ނިމެންދެން ދިޔަމިގިލީގެ ރައްޔިތުންގެ ފަރާތުން އަމަލީ ގޮތުންނާއި އެކި ގޮތްގޮތުން ސިފައިންނަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބުނުކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް