Article Top
ޚަބަރު •

ޝާހިދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް، ހައި ކޯޓުން ތާއީދު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޝާހިދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް، ހައި ކޯޓުން ތާއީދު ކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު.

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް، ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝާހިދު ހައްޔަރު ކޮށްފައި ވަނީ ނޮވެމްބަރު 2 ވީ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށް ފަހު ފުލުހުން ބުނީ ޝާހިދު ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގައި ނޮވެމްބަރު 3 ވީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ޝާހިދުގެ ފަރާތުން އެ އަމުރު ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި، އާދީއްތަ ދުވަހު އެ ކޯޓުން ވަނީ ގޮތެއް ނިންމައިފަ އެވެ. ހައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ޤާނޫނާ އެއްގޮތަށް ކަަމަށެވެ. އެހެންކަމުން، ޝާހިދުގެ ފަރާތުން އެދުނު ގޮތަށް، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި ފުލުހުން ޝާހިދު ހައްޔަރު ކުރުމުގެ ކުޑަ ވަގުތު ކޮޅެެއް ކުރިން އޭނާ ވަނީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަ ތަކެއް ކަަމަށް ވިދާޅުވެފައި އެވެ.

ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް