އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުވުމުން، ކަރަންޓުގެ އަގު އަގު ހެޔޮވާނެ: ޑރ. އަޒުވަރު
ލިޔުންތެރިޔާ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުވުމާ އެކު، ކަރަންޓުގެ އަގު ވެސް ހެޔޮ ވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.
އަޒުވަރު މިހެން ވިދާޅުވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސަރުކާރަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކައިގައި އެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ، 2028 ވަނަ އަހަރާ ހަަމައަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތަ އަށް މަތި ކުރުމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި އަޒުވަރު ވިދާޅުވީ، އެއީ ތިމާވެށީގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ވެސް ރާއްެޖެ އަށް ވަރަަށް ބޮޑަށް ފައިދާ ވާނެ ކަމެއް ކަމަށެވެ. ރާއްޖޭގައި އެންމެ އަގު ބޮޑުކޮށް ކަރަންޓު އުފައްދަން ޖެހޭ ސަބަބެއްގެ ގޮތުގައި އަޒުވަރު ފާހަގަ ކުރެއްވީ، އެތެރެކުރާ ޑީސަލަށް މުޅިން ބަރޯސާވެފައި އޮންނަން ޖެހުމެވެ. އަދި ރާއްޖެ އަކީ ކުދި ޖަޒީރާ ޤައުމަކަށް ވާއިރު، އެކަން އެހެން ދިމާވާ ކަމަށް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އަޒުވަރު ވިދާޅުވީ، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ އިރުގެ އަލިން ހަކަތަ އުފެއްދުން ކަމަށާއި، އެހެން ނޫން ނަމަ ސޯލާ ޕީވީ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ވެސް އެކި އެކި މަޝްރޫއުތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް އަޒުވަރު ވަނީ ވިދާޅުވެފައި އެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޒުވަރު ވިދާޅުވީ، ގިނަ ރައްޔިތުން ބޭނުން ވަނީ އިތުބާރު ހުރި އަދި އަގު ހެޔޮ ކަރަންޓުގެ ޚިދުމަތެއް ކަމަށެވެ. ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެެއްގައި އެ ޚިދުމަތް ދިނުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ފުޅާ ކުރުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަޒުވަރު ވަނީ ފާހަގަ ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް