Article Top
ކުޅިވަރު •

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވަން މަޝްވަރާތައް ފަށައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވަން މަޝްވަރާތައް ފަށައިފި

މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެތެރެއިން -- ފޮޓޯ/ ސާފް

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް އޮންނަ މުބާރާތް، އަންނަ އަހަރުގެ ޖުލައި މަހު ސްރީލަންކާގައި ބޭއްވުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ފުޓްބޯލް ފެޑެރޭޝަން އޮފް ސްރީލަންކާ ގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ޑާކާގައި ދާދިފަހުން ނިމިދިޔަ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުން ސްރީލަންކާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްވި ބަޔާނެއްގައި ޖަސްވަރު ވިދާޅުވީ، ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ދެން އޮންނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މުބާރާތް ސްރީލަންކާގައި ހޯސްޓްކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަކީ އާންމުކޮށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން 2025 ވަނަ އަހަރު ސްރީލަންކާގައި ބާއްވަން ތާވަލުކުރެވުނު 15 ވަނަ ސާފް ޗެމްޕިއަންޝިޕް، އިންތިޒާމުތަކާއި ލޮޖިސްޓިކްސްގެ ސަބަބުތަކާ ހުރެ ފަސްކުރެވި، ބޭއްވުނީ މި މަހު ބަންގްލަދޭޝްގަ އެވެ.

އެހެންކަމުން، މުބާރާތުގެ ކުރީގެ ތާވަލު އަލުން ހަމައަކަށް އެޅުވުމަށްޓަކައި، 16 ވަނަ ސާފް ޗެމްޕިއަންޝިޕް 2027 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ސާފްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖަސްވަރު އުމަރު ވިދާޅުވި ގޮތުގައި، ސްރީލަންކާގައި މި މުބާރާތް ބޭއްވިއްޖެނަމަ އެއީ އެ ގައުމުގެ ގައުމީ ޓީމަށާއި، ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. ސްރީލަންކާއިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައިވެއެވެ. އެއީ 1995 ވަނަ އަހަރު ކޮލަމްބޯގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ދިވެހިރާއްޖެއާ ގުޅިގެން ބޭއްވި މުބާރާތެވެ.

ނަމަވެސް، 2027 ވަނަ އަހަރުގެ މުބާރާތް ބާއްވާނެ ގައުމަކާއި ތާރީޚުތަކާ މެދު ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އަދި ރަސްމީކޮށް ފައިނަލް ނިންމުމެއް އިއުލާނެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް