Article Top
ދުނިޔެ •

އިންޑިއާގައި ވިހަ ރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އިންޑިއާގައި ވިހަ ރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެނީ

އިންޑިއާގައި ވިހަ ރާ ބޮއެގެން ފަރުވާދެމުންދާ ބައެއް މީހުން ---

އިންޑިއާގެ އިރުއުތުރު މަނީޕޫރު ސްޓޭޓުގައި ވިހަވެފައިވާ ބަނގުރާ ބޮއެގެން މަދުވެގެން 11 މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

މަނީޕޫރުގެ ޗީފް މިނިސްޓަރު ޔުމްނަމް ކެމްޗަންދް ސިންގް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 11 މީހުން މަރުވެފައިވާއިރު، މިހާތަނަށް ދެ ހޮސްޕިޓަލެއްގައި 180 އަށް ވުރެ ގިނަ ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގުކުރަމުންދާ ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް ހައްޔަރުކޮށް ހައްގު އަދަބު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަނީޕޫރުގެ ސުގްނޫ އަވަށުން ރާ ބޮއެފައިވާ އެންމެންވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ސިއްހީ ތަހުލީލުތައް ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަސްލު އޮޅުންނުފިލާ، ނުރަސްމީ ފަރާތްތަކުން ވިއްކާ ރާ ބޭނުންނުކުރުމަށް ފުލުހުންގެ އިދާރާއިންވެސް ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.

އިންޑިއާގައި އަގުބޮޑު ބްރޭންޑްތަކުގެ ރާ ގަންނަން ތަނަވަސްކަން ނެތް މީހުންނަށް އަމާޒުކޮށް، ގަވާއިދާ ޚިލާފަށް ސައްހަނޫން ރާ އުފައްދައި ވިއްކުމަކީ ބޮޑު ނަފާއެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިއެކެވެ. މިފަދަ ބުއިންތަކުގެ އަސަރު ގަދަކުރުމަށްޓަކައި، ކުޑަ މިންވަރަކުންވެސް ފުރާނައަށް ނުރައްކާވާ މެތަނޯލް އަދި ބެޓެރި އެސިޑް ފަދަ ނުރައްކާތެރި ކެމިކަލްތައް ބޭނުންކުރެއެވެ.

މީގެ ކުރިން 2020 ވަނަ އަހަރު އިންޑިއާގެ ޕަންޖާބު ސްޓޭޓުގައި ވިހަ ރާ ބޮއެގެން 120 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް