Article Top
ކުޅިވަރު •

5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ތެރެއިން - ފޮޓޯ/ ދިރާގު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ދުވުމުގެ ހަރަކާތް، "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގެ 17 ވަނަ އެޑިޝަން، ރެކޯޑް އަދަދެއް ކަމަށްވާ 5،500 އަށްވުރެ ގިނަ ދުވުންތެރިންގެ ބައިވެރިވުމާއެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އޭއައިއެމްއެސް ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދިޔަ މި ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިވެންޓްތައް ވަނީ ބާއްވައިފަ އެވެ.

ހާފް މެރަތަން އަދި 5 ކިލޯމީޓަރު، މި ދެ އިވެންޓްގެ އޯޕަން ކެޓަގަރީން އެއްވަނަ ހޯދައި، ފިރިހެން ބައިން ކެންޔާގެ ތައިރޫ ޗޭގޭ އަދި އަންހެން ބައިން ނޭޕާލްގެ ސަންތޯޝީ ޝްރެސްތާ ވަނީ ޑަބަލް ޗެމްޕިއަންކަން ހޯދައިފަ އެވެ. ތައިރޫ ހާފް މެރަތަން 01:18:16 އިން ނިންމިއިރު 5 ކިލޯމީޓަރު ނިންމީ 15:56 އިންނެވެ. ސަންތޯޝީ ހާފް މެރަތަން 01:26:39 އިން ނިންމިއިރު 5 ކިލޯމީޓަރު ނިންމީ 18:45 އިންނެވެ.

މީގެ އިތުރުން 10 ކިލޯމީޓަރު އިވެންޓްގެ ފިރިހެން އޯޕަން ކެޓަގަރީން ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން (34:35) އެއްވަނަ ހޯދިއިރު، އަންހެން އޯޕަން ކެޓަގަރީން އެއްވަނަ ހޯދީ އާއިޝަތު ރިޝްމީ (41:32) އެވެ. މި ދެ ދުވުންތެރިން ވަނީ 5 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީންވެސް ތިންވަނަ ހޯދައިފަ އެވެ.

މި އަހަރުގެ ރޭހުގައި އަލަށް ތަޢާރަފުކުރި ކޯޕަރޭޓް، ރިސޯޓް، ރަނިން ކްލަބްސް އަދި ކޮލެޖް/ޔުނިވަރސިޓީ ޓީމް ކެޓަގަރީތަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. އިއްޔެ ހަވީރު ބޭއްވި 5 ކިލޯމީޓަރުގެ ދުވުން ބޯ ވާރޭގެ ތެރޭގައި ކުރިއަށްދިޔަ ނަމަވެސް ދުވުންތެރިންގެ ފޯރިއަށް އެއްވެސް ބަދަލެއް ނާދެއެވެ.

ކުޅިވަރުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ 12 ޖަމިއްޔާއަކަށް ދިރާގުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ 100 ރުފިޔާ އާއި ހާއްސަ ބިބް ވިއްކައިގެން ލިބޭ ފައިސާ އެ ޖަމިއްޔާތަކަށް ބަހާލުމުގެ އިތުރުން، އެންމެ ގިނަ ވޯޓު ލިބޭ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާގެ ހާއްސަ ގްރާންޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 296،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް