Article Top
ލައިފްސްޓައިލް •

ކުޑައިރުގެ އެންމެ މަގުބޫލު "ހޯމް އެލޯން"ގެ އާ ފިލްމެއް ނެރެނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކުޑައިރުގެ އެންމެ މަގުބޫލު "ހޯމް އެލޯން"ގެ އާ ފިލްމެއް ނެރެނީ

"ހޯމް އެލޯން" ފިލްމުގައި މެކޯލޭ ކަލްކިން. -- ފޮޓޯ/ ޓުވެންޓިއަތު ސެންޗަރީ ފޮކްސް

ދިވެހިރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސީޑީތަކުން 90 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅު ދިވެހިންގެ މެދުގައި އިންތިހާއަށް މަގުބޫލުވި ފިލްމު "ހޯމް އެލޯން"ގެ އާ ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ފިލްމުގެ ލީޑް ތަރި މެކޯލޭ ކަލްކިން އޭނާގެ މަޝްހޫރު "ކެވިން މެކަލިސްޓާ" ގެ ރޯލުން އަލުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ފިލްމު ޕްރޮޑިއުސް ކުރާ މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ސެތު ރޯގެން އަދި އީވާން ގޯލްޑްބާގްއާ އެކު، ފިލްމުގެ ސްކްރިޕްޓް ލިޔުމުގައިވެސް ކަލްކިން ދަނީ ބައިވެރިވަމުންނެވެ.

މިދިޔަ އަހަރު ބޭއްވި ޓުއާއެއްގައި ކަލްކިން ވަނީ "ހޯމް އެލޯން" ގެ އާ ފިލްމަކަށް އޭނާގެ ވިސްނުން ހުރި ގޮތް ހިއްސާކޮށްފަ އެވެ. އެ ގޮތުން އޭނާ ހުށަހަޅާފައިވާ ވާހަކައިގައި، ބޮޑުވެފައިވާ ކެވިން އަކީ އަނބިމީހާ ނިޔާވެފައިވާ ނުވަތަ ވަރިވެފައިވާ ބައްޕައެކެވެ. އާއިލާއަށްވުރެ ބޮޑަށް މަސައްކަތަށް ވަގުތު ދޭތީ، އޭނާގެ ދަރިފުޅު އޭނާ ގެއިން ބޭރުކޮށްލައި، ގެއަށް ނުވަދެވޭނެހެން ގޭތެރޭގައި އެކި ކަހަލަ މަޅިތައް ޖަހައިގެން އުޅޭ މަޖާ ހާދިސާތަކެއް ހިމެނެ އެވެ.

ދިވެހިންގެ މެދުގައިވެސް ހާއްސަކޮށް ޗުއްޓީ ދުވަސްވަރުތަކުގައި އާއިލާއާއެކު ބަލައި އުޅުނު މި ފިލްމުގެ އާ ބައެއް އަންނަ ހަބަރާއެކު ގިނަ ބަޔަކު އުފާފާޅުކުރަމުންދާއިރު، އަސްލު ދެ ފިލްމުގެ ޑައިރެކްޓަރު ކްރިސް ކޮލަމްބަސް މިކަމާމެދު ދެކެނީ ތަފާތުކޮށެވެ.

ކޮލަމްބަސްއަށް މިފަދަ ޕްރޮޖެކްޓެއް ކުރިއަށްދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ދާދި ފަހުން "ވެރައިޓީ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ 36 އަހަރު ކުރީގެ އެ ފިލްމު އޮތް ގޮތަށް ދޫކޮށްލުން މާ ރަނގަޅު ވާނެ ކަމަށެވެ. އަދި ކެވިންގެ މަންމަގެ ރޯލު ކުޅުނު ކުޅަދާނަ އެކްޓްރެސް ކެތަރިން އޯހާރާ، މި އަހަރުގެ ޖެނުއަރީ މަހު ނިޔާވެފައިވާތީ، އޭނާ ނެތި، އަލުން އެ ފިލްމުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް