Article Top
ކުޅިވަރު •

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ސާފް ސަރަހައްދުން ކޮލިފައިވީ އިންޑިއާ

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ސާފް ސަރަހައްދުން ކޮލިފައިވީ އިންޑިއާ

އިންޑިއާ ޓީމް ކޮލިފައިންގެ ފަހު މެޗަށް ފަހު -- ފޮޓޯ/ އޭއައިއެފްއެފް

އަންނަ އަހަރުގެ މެއި 13 އިން 29 އަށް އުޒްބެކިސްތާނުގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް 2027 ގެ ކޮލިފައިން މެޗުތައް ނިމުނުއިރު، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ސަރަހައްދުން މުބާރާތަށް ކޮލިފައިވި ހަމައެކަނި ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އީ ގައި މެޗަކުން ބަލި ނުވެ އެއްވަނަ ހޯދައިގެން އިންޑިއާއިން 2027 ވަނަ އަހަރުގެ ފައިނަލްސް އިން ޖާގަ ކަށަވަރުކުރި އިރު، ސަރަހައްދުގެ އެހެން އެއްވެސް ގައުމަކަށް މުބާރާތުން ޖާގައެއް ނުލިބުނެވެ.

ތައިލެންޑްގެ ބުރިރާމްގައި ކުރިއަށްދިޔަ ގްރޫޕް ބީ ގައި ވާދަކުރި ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ. ފުރަތަމަ މެޗުގައި ޗައިނީޒް ޓައިޕޭ އަތުން 5-0 އިން ބަލިވި އިރު ދެވަނަ މެޗުގައި ހޮންކޮންގް ޗައިނާ އަތުން ބަލިވީ 9-0 އިންނެވެ. އޭގެ ފަހުން ތައިލެންޑާ ވާދަކޮށް 7-0 އިން ބަލިވި އިރު އިރާގު އަތުން ބަލިވީ 5-0 އިންނެވެ.

ފުރަތަމަ ދެ މެޗާ އަޅާބަލާއިރު، ތައިލެންޑާއި އިރާގާ ދެކޮޅަށް ކުޅުނު ފަހު ދެ މެޗުގައި ރާއްޖޭގެ ޑިފެންސް ރަނގަޅުކުރި ނަމަވެސް، ރާއްޖޭގައި 17 އަހަރުން ދަށުގެ ގައުމީ ލީގެއް ގަވާއިދުން ނުބޭއްވުމާއި، ބައިނަލްއަގުވާމީ މެޗުތައް މަދުވުމުގެ ސަބަބުން ވާދަވެރި ޓީމުތަކާ އެއް ފެންވަރެއްގައި 90 މިނެޓު ވަންދެން ފިޓްނަސް ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވި އެވެ.

ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން އޭޝިއަން ކަޕަށް ކޮލިފައިވީ 10 ޕޮއިންޓް ހޯދި އިރާގެވެ. ކޮލިފައިން ގުރޫޕް ބޭއްވި ތައިލެންޑަށް 9 ޕޮއިންޓާއެކު ލިބުނީ ދެވަނައެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުގެ ނަތީޖާތަކަށް ބަލާއިރު، ގްރޫޕް ސީ ގައި ވާދަކުރި ބަންގްލަދޭޝް އާއި ގްރޫޕް ޑީ ގައި ވާދަކުރި ޕާކިސްތާން ކޮލިފައިން ނިންމާލީ އެ ގައުމުތައް ހިމެނުނު ގްރޫޕްތަކުގެ ތިންވަނައިގަ އެވެ. ގްރޫޕް ސީ ގައި ވާދަކުރި ބޫޓާނާއި ގްރޫޕް ޑީ ގައި ވާދަކުރި ސްރީލަންކާ ވެސް ވަނީ ނިންމީ އެ ޓީމުތަކުގެ ގްރޫޕްތަކުގެ 5 ވަނައިގަ އެވެ. މީގެ އިތުރުން، ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ނޭޕާލަށް މި ފަހަރުގެ ކޮލިފައިންގައި ބައިވެރިވެވިފައެއް ނުވެ އެވެ.

ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޔޫތު މުބާރާތްތަކުގައި ސާފް ސަރަހައްދުގެ ގައުމުތަކަށް ނަތީޖާ ނުނެރެވުމުގެ މައިގަނޑު ސަބަބަކީ އުމުރުފުރާތަކުގެ ލީގުތައް ގަވާއިދުން ނުބޭއްވުމާއި، ގްރާސްރޫޓް ފެންވަރުގައި އެކަށީގެންވާ ވަރަށް އިންވެސްޓް ނުކުރެވުމެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް