Article Top
ލައިފްސްޓައިލް •

40 ގަޑިއިރު ވަންދެން "ޖީޓީއޭ 6" ކުޅެ، އައިޝޯސްޕީޑް އާ ރެކޯޑެއް، ރާއްޖޭގައި ވެސް ފޯރި ގަދަ

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

40 ގަޑިއިރު ވަންދެން "ޖީޓީއޭ 6" ކުޅެ، އައިޝޯސްޕީޑް އާ ރެކޯޑެއް، ރާއްޖޭގައި ވެސް ފޯރި ގަދަ

ރޮކްސްޓާ ގޭމްސްގެ އާ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ގެ ފޯރި ދިވެހިރާއްޖޭގައި ވެސް އިންތިހާއަށް ގަދަވެފައިވާއިރު، މަޝްހޫރު ޔޫޓިއުބަރު އައިޝޯސްޕީޑް (ޑެރެން ވަޓްކިންސް ޖޫނިއާ) މެދުނުކެނޑި 40 ގަޑިއިރަށްވުރެ ގިނައިރު ވަންދެން އެ ގޭމް ލައިވްސްޓްރީމްކޮށް، އޭނާގެ ޗެނަލްގެ އެންމެ ބޮޑު ވިއުއާޝިޕް ރެކޯޑް މުގުރާލައިފި އެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް/އެސް އަށް މި ގޭމް ރަސްމީކޮށް ނެރުމުގެ ކުރިން ސްޕީޑް ބުނެފައިވަނީ 24 ގަޑިއިރު ހުއްޓާނުލައި ސްޓްރީމް ކުރުމުގެ ބަދަލުގައި ދުވާލަކު 10 ނުވަތަ 12 ގަޑިއިރު ކުޅޭނެ ކަމަށެވެ. ނަމަވެސް، ރާއްޖެ ގަޑިން ނޮވެމްބަރު 19 ވަނަ ދުވަހުގެ ފަތިހު (އެމެރިކާގައި ގޭމް ނެރުމުގެ ތިން ގަޑިއިރު ކުރިން) ލައިވްއަށް އެރި ގޮތަށް، އެ ޕްލޭން ވަނީ ބަދަލުވެފަ އެވެ.

ފުރަތަމަ ލައިވްސްޓްރީމް 23 ގަޑިއިރާއި 45 މިނެޓަށް ދިގުދެމިގެން ދިޔައިރު، އެއްވަގުތެއްގައި 392,500 މީހުން ޔޫޓިއުބުން އެ ސްޓްރީމް ބަލާފައިވެ އެވެ. މިއީ އޭނާގެ ޗެނަލްގެ ތާރީހުގައި ވެސް ލައިވްސްޓްރީމަކަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ. ޔޫޓިއުބާއި ޓްވިޗް އެއްކޮށްލުމުން، ގޭމް ނެރުނު ދުވަހު އެންމެ ގިނަ ބަޔަކު ބެލި ސްޓްރީމަރަކީވެސް ސްޕީޑްއެވެ. ފުރަތަމަ ސްޓްރީމަށްފަހު އަރާމުކުރުމުގެ ބަދަލުގައި އޭނާ ވަނީ ނިދުމެއް ނެތި 40 ގަޑިއިރަށްވުރެ ގިނައިރު ވަންދެން ކުރިއަށް ގެންގޮސް، ގޭމްގެ މައިގަނޑު ވާހަކައިގެ 80 އިންސައްތައަށްވުރެ ބޮޑު ބައި ނިންމާލާފައެވެ. އަދި އޭނާގެ ފުރަތަމަ ސްޓްރީމްގެ ވީޑިއޯއަށް މިހާރު ވަނީ 60 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މި ގޭމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާ ބޮޑު ތަރުހީބެއް ލިބެމުންދާ އެންމެ ބޮޑު އެއް ސަބަބަކީ، މީގެ ކުރިން ނެރުނު "ޖީޓީއޭ 5" އަށް 13 އަހަރު ފަހުން އާ ގޭމެއް ނުކުތުމެވެ. ސެޕްޓެމްބަރު 2013 ގައި "ޖީޓީއޭ 5" ނެރުމަށްފަހު، ރޮކްސްޓާ ގޭމްސްއިން "ޖީޓީއޭ 6" ތައްޔާރުކުރަމުންދާކަން ރަސްމީކޮށް އިއުލާންކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މި ދެ ގޭމްގެ ދެމެދުގައި 13 އަހަރު ހޭދަވީ، 2018 ގައި ނެރުނު ރެޑް ޑެޑް ރިޑެމްޕްޝަން 2 އަށް ރޮކްސްޓާއިން އިސްކަންދިނުމާއި، "ޖީޓީއޭ އޮންލައިން" އަށް ލިބެމުންދިޔަ ބޮޑު ކާމިޔާބީގެ ސަބަބުން އާ ގޭމް ފުރިހަމަކުރަން އިތުރު ވަގުތު ލިބުމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޒުވާނުންނާއި ގޭމަރުންގެ މެދުގައިވެސް "ޖީޓީއޭ 6" ގެ ފޯރި ވަނީ އިންތިހާއަށް ގަދަވެފަ އެވެ.

މާލޭގެ ގޭމިން ލައުންޖްތަކުންނާއި ފިހާރަތަކުން މި ގޭމަށް އޮތް ޑިމާންޑް ބޮޑުވެފައިވާއިރު، ފިހާރަތަކާއި ގޭމިން ސެންޓަރުތަކުގައި މި ގޭމަށް ހާއްސަ ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވެ އެވެ. މީގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ގޭމް ޑައުންލޯޑް ކުރުމަށާއި ދިގު ސެޝަންތަކަށް ޚާއްސަކޮށް "ޖީޓީއޭ 6" ސުޕަނެޓް ޑޭޓާ އެޑް-އޮންތަކެއް ވެސް ތައާރަފްކޮށްފަ އެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް