ދެ ގައުމުގެ ގުޅުން ވަރުގަދަކަމާ އެކު ކުރިއަށްދާނެ ކަމާމެދު ޔަޤީންކުރަން: ޕާކިސްތާނުގެ ބޮޑު ވަޒީރު
ލިޔުންތެރިޔާ
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.
ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިއަށްދާނެ ކަމާއެކު ޔަޤީން ކުރައްވާ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއެކު ބުދަ ދުވަހު ބޭއްވެވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި އެވެ.
މިއަހަރަކީ ރާއްޖެ އާއި ޕާކިސްތާންގެ ގުޅުމަށް 60 އަހަރު ފުރުނު އަހަރު ކަމަށްވާއިރު، ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ވާހަކަފުޅުގައި ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި، އެ ގުޅުން ވަރުގަދަކަމާ އެކު ކުރިއަށް ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު މުހިންމު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކެއްގައި ސޮއި ކުރައްވާފައިވާއިރު، އެއީ ވަރަށް މުހިންމު އެމްއޯޔޫ ތަކެއް ކަމަށް ވެސް ޕާކިސްތާންގެ ބޮޑު ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި އެކަންކަން ތަންފީޒީ މަރުހަލާ އަކަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ހަމައެހެންމެ، ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވާ މި ތާރީޚީ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ރައީސަކު ފާއިތުވި 19 އަހަރުގެ ތެރޭގައި އެ ޤައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ވެސް ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް