Article Top
ކުޅިވަރު •

ބުރު ކޯޗުގެ އިތުބާރު ކުޅުންތެރިންނަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބުރު ކޯޗުގެ އިތުބާރު ކުޅުންތެރިންނަށް

ނޫސްވެރިންގެ ބައްދަލުވުމުގައި ބުރުގެ ކޯޗު -- ފޮޓޯ/އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ކޮންމެ ކްލަބަކާ ދެކޮޅަށް ކުޅުނުކަމުގައި ވިޔަސް، އެ ޓީމަކާ ވާދަކޮށް ނަތީޖާ ހޯދުމުގެ ގާބިލުކަން ބުރު ސްޕޯޓްސް ކްލަބުގައި އެބަހުރިކަމަށް އެ ޓީމުގެ ހެޑް ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަދައްކަމުން ރޮޑްރިގޭޒް ބުނީ، ސީޒަން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ބުރު އިން އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، ޓީމުގެ ހާލަތާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

Advertisement
Article Inside

ލީގުގެ ފުރަތަމަ ތިން މެޗުގައި ބުރު ބަލިވި ނަމަވެސް އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ނިއުރޭޑިއަންޓަކީ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމުކަން ގަބޫލުކުރި ނަމަވެސް، ރޮޑްރިގޭޒް ފާހަގަކުރީ މެޗަށް ނުކުންނާނީ ޓީމުގެ ރޫހާއި، ކުޅުމުގެ ހިތްވަރާ އެކު ނަތީޖާއާ މެދު ވެސް ސަމާލުކަން ދީގެން ކަމަށެވެ.

"އަހަރެމެން މިއުޅެނީ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކުޅެން. ނަމަވެސް އަހަރެމެން ނުކުންނާނީ ވާދަކޮށް، މޮޅުވާން ކުރެވެން ހުރި އެންމެ ބޮޑަކަށް މަސައްކަތް ކުރަން،" ރޮޑްރިގޭޒް ބުންޏެވެ.

"ކޮންމެ މެޗަކަށްވެސް ނުކުންނަންވާނީ ލީގުގެ ކޮންމެ ޓީމަކާވެސް ވާދަކުރެވޭނެކަމުގެ ވިސްނުމާ އެކުގައި. އަދި ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެކަމުގެ އުންމީދުގައި. ޝައްކެއްވެސްނެތް، މިއީ އުނދަގޫ މެޗަކަށް ވާނެ. އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށްވެސް އަހަރެމެން ކުރާނީ ހިތްވަރު."

ރޮޑްރިގޭޒް އިތުރަށް ބުނީ، ބުރުގެ އަމިއްލަ ކުޅުމުގެ ސްޓައިލާއި ޕްލޭން ބަދަލުނުކުރި ނަމަވެސް، އިދިކޮޅު ޓީމުގެ ވަރުގަދަ ތަންތަނާއި ބަލިކަށި މަގާމުތަކަށް ބަލައިގެން ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި އެ ޓީމު ތިބީ މެޗުން ތިން ޕޮއިންޓް ހޯދައިގެން ކުރިއަށް ޖެހިލުމުގެ ރޫހުގައި ކަމަށް ވެސް ކޯޗު ބުންނެވެ.

ބުރު ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ މިރޭ 21:00 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް