އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން، އެންމެ ނުބައި މީހާއާ ވެސް މުއާމަލާތު ކުރަން ޖެހޭނީ ރިވެތިކޮށް: ހުކުރު ޚުޠުބާ
ލިޔުންތެރިޔާ
އިސްލާމީ މަރުކަޒުގައި މީގެ ކުރިން ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން.
އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން ކަމަށާއި، އެންމެ ނުބައި މީހާއާ ވެސް މުއާމަލާތު ކުރަން ޖެހޭނީ ރިވެތިކޮށް ކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ހުކުރު ޚުޠުބާގައި ބުނީ، އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނޭ ކަމަށެވެ. އަދި ކެތްތެރިކަމަކީ، ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެއް ކަމަށް ވެސް ބުނެފައިވެ އެވެ. މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެ އެވެ.
އެކަން ފާހަގަ ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވަނީ، ކެތްތެރީންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތި އެވެ.
މީގެ އިތުރުން ދުނިޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށް ވެސް ވަނީ ބުނެފައި އެވެ. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުންނައިރު، އަނެއް ބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވާ ކަމަށް ވަނީ ބުނެފައި އެވެ. އަދި ބައެއް ފަހަރު އަތްމަތި ތަނަވަސްވާ ކަމަށާއި، އަނެއް ބައި ފަހަރު ދަތި ޙާލުގައި އުޅެން ޖެހޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ އަހަރެމެން ލޯބިވާ ދަރީންނާއި، މުދަލާއި، ގެދޮރު އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނަ ފަހަރު އަންނައިރު، ދިމާވާ ޙާދިޘާއެއްގައި އެ ހުރިހާ އެއްޗެއް ނެތި ފަނާވެސް ވެގެންދާ ކަމަށް ވަނީ ފާހަގަކޮށްފައިވެ އެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު، އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވާ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައި އެވެ.
އެ ކަންކަމަކީ މާތް ﷲ ގެ އިމްތިޙާނު ތަކެއް ކަަމަށާއި، އަހަރެމެން ޖެހޭނީ އެ އިމްތިޙާނު ތަކުން ފާސްވާން ކަމަށް ވަނީ ބުނެފައި އެވެ. އެއީ އެ ކަންކަމަށް ކެތްތެރިވުން ކަމަށާއި، އެ ފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެ ވެސް އިންސާނެއްގެ ފަރާތުން އައި ބަދު ނަޞީބެއް ކަމުގައި ހީކޮށް، އެ ފަރާތަކާ ދޭތެރޭގައި ކުށްހީކޮށް، ހިތް ނުބައި ކުރުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށް ވަނީ ބުނެފައި އެވެ. އަދި އެކި ގޮތްގޮތަށް އަހަރެމެން އިމްތިޙާނު ކުރައްވާނެކަން الله تَعَالَى ވަނީ އަންގަވާފައި ކަމަށާއި، އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.
"ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި، ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި، ފުރާނަތަކާއި، މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެ ނަމަ، ހަމަކަށަވަރުން ތިމަންމެންނީ، الله އަށް މިލްކުވެވޮޑިންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރި ދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި، ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ.
އެ އާޔަތުގެ މާނަ އިން އެނގުނު ގޮތުގައި މުއުމިނުންނަކީ، މި ދުނިޔޭގައި ދަތިތަކާ ކުރިމަތި ކުރައްވައި އިމްތިޙާނު ކުރެއްވޭނޭ ބައެއް ކަމަށެވެ. އެފަދަ ކޮންމެ ޙާލަތެއްގައި ވެސް ރިވެތި އަޚުލާޤުގެ ސިފަތައް އިސްކުރާން ޖެހޭނެ ކަމެވެ. ކެތްތެރިވާން ޖެހޭނެ ކަމާއި، އަތްމަތި ދަތިވެ، ބަނޑުހައި ހޫނު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދާ ފޭރި، ވަގަށް ނެގުމަކީ ހުއްދަ ވާނޭ ކަންކަމެއް ނޫން ކަމަށް ވަނީ ފާހަގަކޮށްފައި އެވެ.
އިސްލާމް ދީނަކީ އެންމެ މާތް ދީން ކަމަށްވާ އިރު، އިސްލާމީ ބައެއް މުޖުތަމައުތަކުން މިއަދު މި ފެންނަ އަޚުލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހި ކުރުވައިފާނެ ކަމެއް ކަަމަށް ހަނދާން ކޮށްދީފައިވެ އެވެ. އިސްލާމް ދީނަކީ މީހުންނާ މުއާމަލާތް ކުރުމުގައި ވެސް، ރިވެތި އަޚުލާޤު އިސްކުރާ ދީނެއް ކަަމަށާއި، ބަސްމޮށުމުގައި ވެސް އެކަން އޮތީ އެގޮތަށް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ތިމާ އެ މީހަކާ މުޚާތަބުކޮށް ވާހަކަ ދައްކާ މީހަކީ ކިތަންމެ ނުބައި ނުލަފާ މީހަކު ކަމަށްވީ ނަމަވެސް، އިސްލާމް ދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސް ބުނުމަށް ކަމަށް ވަނީ ބުނެފައި އެވެ.
މާތް ﷲ ސަލާމް ލެއްވި މޫސާގެފާނާއި ހާރޫނުގެފާނު ފިރުއައުނުގެ ގާތަށް ފޮނުއްވި ހިނދު އެ ބޭކަލުން ފިރުއައުނާ މުޚާޠަބު ކުރައްވާން އަމުރު ކުރެއްވި ގޮތް ބަޔާން ކުރައްވައި، އެކަލާނގެ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ.
"ފިރުއައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދު ފަހަނަޅައި ހިނގައްޖެ އެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާ އަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައި އެވެ."
ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރޭގައި ތިމާޔަށް އަޑު އިވޭ ހެޔޮ ބަސްތައް ކަނުލައި އަޑު އެހުން ހިމެނޭ ކަަމަށް ވަނީ ބުނެފައި އެވެ. އެގޮތުން ހުކުރު ޚުތުބާ އަކީ އެ އިރެއްގައި ހުރި އެންމެ މުހިންމު މަސްއަލަތަކާ މެދު މުސްލިމުންނަށް އިރުޝާދު ދޭ ވަރަށް މުހިންމު ޚިތާބެއް ކަމަށާއި، ހުކުރު ޚުޠުބާ ކަނުލައި އަޑުއެހުމާއި، ޚުޠުބާގައި ވާހަކަ ދައްކާ މައުޟޫއަކަށް ފަރުވާތެރިވެ، ސަމާލުކަން ދިނުމަކީ ހުކުރުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް