Article Top
ޚަބަރު •

"އާބާދީ މަދުކަމަށް ވީ ނަަމަވެސް، އެތައް ހާސް އަހަރެއް ވަންދެން މިނިވަންކަން މަތީ އޮތުމަކީ ބޮޑު ނިޢުމަތެއް"

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

"އާބާދީ މަދުކަމަށް ވީ ނަަމަވެސް، އެތައް ހާސް އަހަރެއް ވަންދެން މިނިވަންކަން މަތީ އޮތުމަކީ ބޮޑު ނިޢުމަތެއް"

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ދިވެހިރާއްޖޭގެ އާބާދީ ކިތަންމެ މަދު ކަމަށް ވީ ނަަމަވެސް، އެތައް ހާސް އަހަރެއް ވަންދެން މިނިވަންކަން މަތީ އޮތުމަކީ ބޮޑު ނިޢުމަތެއް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެ އަކީ ވަރަށް ނަސީބުވެރި ޤައުމެއް ކަމަށެވެ. އަދި އަޅުގަނޑުމެން ދިވެހިންނަކީ އަމާންކަމާއި، ފަހި ނިޢުމަތުގައި މާތް ﷲ ލައްވާފައިވާ ބައެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެގޮތުން ދިވެހިރާއްޖޭގެ 4000 އަހަަރުވީ ތާރީޚާއި، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގެ ތަޖުރިބާއާ މެދު ވިސްނާލުމުން އެކަން ވަރަށް ރަނގަޅަށް އިޙުސާސް ކުރެވޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. ވަރަށް ފަހަކާ ޖެހެންދެން ދިވެހި ޤައުމަކީ އެއްލައްކަ މީހުން ހަމަ ނުވާ ޤައުމެއް ކަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މިހާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަަކަށް، މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް، މިނިވަންކަން މަތީ ތިބެން މާތް ﷲ މިންވަރު ކުރެއްވި އާދަޔާ ޚިލާފު ޙަގީގަތަކީ ވަރަށް މަތިވެރި ނިޢުމަތެއް ކަމަށެވެ.

އަދި އެކަމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. ދިވެހި ރައްޔިތުން ކޮންމެ ދުވަހަކު އަޑު އައްސަވަނީ، އަދި މީޑިއާ ތަކުން ފެންނަނީ ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި، އޭގެ ސަބަބުން އަނިޔާ ލިބޭ އެތައް އިންސާނުންގެ ވޭންތަކާއި ހިތްދަތި ޙާލަތު ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. މާތް ﷲ ގެ ތަނަވަސް ރަޙުމަތުން ދިވެހިންގެ ޙާލަތު އެއާ ވަރަށް ތަފާތު ކަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެކަމަށްޓަކައި އަބަދު ވެސް މާތް ﷲ އަށް ޝުކުރު ވެރިވާން ޖެހޭނެ ކަަމަށެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް އަރުވައިފަ އެވެ. އެއީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރު މުޙައްމަދު ރަޝީދު އާއި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް