އެމްޑީޕީ ސަރުކާރުގައި ބާނާ ވަރަށް، މި ސަރުކާރުގައި މަސްވެރިން މަހެއް ނުބާނާ: އަމީރު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި މަސްވެރިން މަަސް ބާނާ މިންވަރަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މަސްވެރިން މަސް ނުބާނާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ނިމުނު ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އަމީރު މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަމީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ބެލި ކަމަށް ވީ ނަމަވެސް، އެމްޑީޕީގެ ވެރިކަންތަކުގައި މަސް ބޭނި މިންވަރަށް، މިހާރު އެއްވެސް ގޮތަކަށް މަސްވެރިން މަހެއް ނުބާނާ ކަމަށެވެ. ރާއްޖޭގެ އެހެން ވިޔަފާރީތަކަށް ބަލާ ނަމަ، މިހާރު ރާއްޖޭގައި އޮތީ ހަމައެކަނި ފަތުރުވެރިކަން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. ނަމަވެސް، މިހާރު ފަތުރުވެރިކަމުގެ ސިނާއަތް ވެސް ހަލާކުވަމުން އަންނަ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.
"މިހާރު ތިޔަ ބޭފުޅުން ބައްލަވާ ރާއްޖޭގެ މަސްވެރިކަމަށް. މަސްވެރިން މަހެއް ނުބާނާ. އަޅުގަނޑުމެންގެ (އެމްޑީޕީ)ގެ ސަރުކާރުތަކާ އަޅާބަލާއިރު މިހާރު އެއްވެސް ގޮތަަކަށް މަހެއް ނުބާނާ،" ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޖަލްސާގައި އަމީރު މިހެން ވިދާޅުވެފައިވާއިރު، އެއްވެސް ތަފާސް ހިސާބު ތަކެއް ދައްކަވާފައި ނުވެ އެވެ. ނިމުނު އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ފައިސާ ނުދީ ބޮޑު ބެކްލޮގެއް އޮތްއިރު، މި ސަރުކާރުން ވަނީ އެ ބެކްލޮގް އެއްކޮށް ޚަލާސްކޮށްފައި އެވެ. އެއީ 250 މިލިއަން ރުފިޔާގެ ބެކްލޮގެކެވެ. އެ ބެކްލޮގް ޚާލަސްކުރުމަށް ފަހު، މިހާރު މި ސަރުކާރުން އަންނަނީ މަސްވެރިން ކިރުވާ މަހަށް، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ އަންގާރަ ދުވަހު ހާމަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް