ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ރަޝީދު އާއި ޢައްބާސް އިބްރާހީމް އަށް
ލިޔުންތެރިޔާ
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމުގެ ތެރެއިން.
ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރު މުޙައްމަދު ރަޝީދު އާއި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް އަށް އަރުވައިފި އެވެ.
މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވީ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑޮކްޓަރު މުޙަައްމަދު މުޢިއްޒު އެވެ.
އެގޮތުން ޑޮކްޓަރު މުޙައްމަދު ރަޝީދު އަށް އަރުވާފައި ވަނީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފެވެ. އަދި ޢައްބާސް އިބްރާހީމް އަށް އަރުވާފައި ވަނީ، ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފެވެ.
ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެ ފަހުން، އެ އޮފީހުގެ ޚާއްސަ ވަކީލުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.
ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައި އެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ދިވެހި ބަހަށް އެންމެ ގިނަ ޚިދުމަތެއް ކުރެއްވުމުގެ ފުރުސަތު ޢައްބާސް އިބްރާހީމް އަށް ލިބިވަޑައިގަތީ، 22 ޑިސެންބަރު 1996 ގައި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން، އެ މަޖިލީހުގެ ނަން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވި އެވެ.
އެ މަގާމުގައި ޚިދުމަތް ކުރެއްވި 12 އަހަރެއްހާ ދުވަހު، ދިވެހި ބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ވަރަށް ގިނަ މަސައްކަތްޕުޅު ތަކެއް ޢައްބާސް ކުރެއްވި އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުން ކުރެވޭ ގޮތަށް ބަދަލު ކުރެއްވުމެވެ.
ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައި އެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެމަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 2013 ޖުލައި 26 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް