Article Top
ޚަބަރު •

ޓެކްސްއާ ގުޅޭ ތިން ޤާނޫނަކަށް ގެނައި އިސްލާހުތައް ރައީސް ތަސްދީޤުކުރައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޓެކްސްއާ ގުޅޭ ތިން ޤާނޫނަކަށް ގެނައި އިސްލާހުތައް ރައީސް ތަސްދީޤުކުރައްވައިފި

ރައީސް ބިލުތައް ތަސްދީގު ކުރެއްވުމުގެ ތެރެއިން ---

ޓެކްސްއާ ގުޅޭ މުހިންމު ތިން ޤާނޫނަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލުތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލުތަކަކީ 2026 ނޮވެމްބަރު 17 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލުތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވި ބިލުތަކުގެ ތެރޭގައި ހިމެނެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

ބޭރުގެ އޭޖެންސީތަކުން ޖީއެސްޓީ ނެގުން ހުއްޓުވުން

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ތެރޭގައި ހިމެނިގެން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓުވުމެވެ. މީގެ އިތުރުން ޖީ.އެސް.ޓީ ދެއްކުމުން އެއްކިބާވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފިޔަވަޅު އެޅުމުގެ ބާރު އިތުރަށް މި ޤާނޫނުން ވަނީ ހަރުދަނާކޮށްދީފައެވެ. ސަރުކާރުގެ ގެޒެޓުގައި މި ބިލު ޝާއިޢުކުރުމާއެކު މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

އިސްތިއުނާފުކުރެވޭނީ 50 އިންސައްތަ ދެއްކުމަށްފަހު

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި 5 ވަނަ އިޞްލާޙުގައިވާ ގޮތުން، މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތައާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައެވެ. އަދި މި އަދަދު އެއްކޮށް ދައްކައި ޚަލާޞްކުރަންޖެހޭ ޙާލަތްތަކާއި، އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓާމެދު ޢަމަލުކުރާނެ އުސޫލުތައްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މިއަދު ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން މި އިޞްލާޙަށްވެސް މިހާރު ދަނީ ޢަމަލުކުރަމުންނެވެ.

އިންޓްރެސްޓް ކެޕޭސިޓީ 25 އިންސައްތައަށް ކުޑަކުރުން

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބޭނުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކުރުމެވެ. އެގޮތުން އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ (Tax-EBITDA) 30 އިންސައްތައިން 25 އިންސައްތައަށް ކުޑަކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މި އިޞްލާޙުގައިވާ ގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ. އެހެންކަމުން މިއަދު މި ބިލު ގެޒެޓުގައި ޝާއިޢުކުރެއްވި ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖަނަވަރީ 2027 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް