ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފުޅާކުރަނީ
ލިޔުންތެރިޔާ
ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް މިނިސްޓްރީ އިން އާންމުކުރި ޕޯސްޓަރު.
ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް އަވަސް ކުރުމަށް ޤާއިމު ކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" އިން އޭވިއޭޝަން ދާއިރާ އަށް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް އާއި، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރި އިއުލާނެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު ބައެއް ޚިދުމަތްތައް 2026 ނޮވެމްބަރު 22 ވާ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ލައިވްކޮށް، އާންމުކޮށް ޚިދުމަތަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި އެވެ.
ރާއްޖޭގެ އިޤްތިސާދުގެ މައި އެއް ތަނބު ކަމަށްވާ އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ޓްރޭޑިއަންގެ ތެރެއިން ދޭން ފެށުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން ތަސައްވުރު "މޯލްޑިވްސް 2.0" ގެ ލަނޑު ދަނޑިތައް ޙާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ.
ނޮވެމްބަރު 22 އިން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް ލިބެން ހުންނާނެ ޚިދުމަތްތަކުގެ ތެރޭގައި:
1. ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ
ހ. އެއާކްރާފްޓް އޮޕަރޭޓާ ސެކިއުރިޓީ ޕްރޮގްރާމް (އޭއޯއެސްޕީ)
2. އެޑްހޮކް ޗާޓާ ފްލައިޓު ތަކުގެ ހުއްދަ
3. ފްލައިޓް ޝެޑިއުލް ހުށަހެޅުން
4. އެއާލައިން އޭޖެންޓުން ކަނޑައެޅުން
5. ޝެޑިއުލްޑް ފްލައިޓު ތަކުގެ ލައިސަންސް އައު ކުރުން
6. ޝެޑިއުލްޑް ފްލައިޓު ތަކުގެ ލައިސަންސް ބާތިލު ކުރުން
7. ފްލީޓް އަޕްޑޭޓް ކުރުން
8. ފްލައިޓް ޝެޑިއުލް އަޕްޑޭޓް ކުރުން
މި ޚިދުމަތްތައް އަލަށް ތައާރަފު ކުރެވޭއިރު، ވަކި މުއްދަތަކަށް "ޕެރަލަލް ސަބްމިޝަން" އުސޫލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ. މި މުއްދަތުގެ ތެރޭގައި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް އަދި މިހާރު ވެސް ޚިދުމަތް ތަކަށް އެދެމުންދާ އުސޫލުތަކާ އެއްގޮތަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިޚްތިޔާރު އެއާލައިންތަކާއި، އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ އެވެ.
މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ޕެރަލަލް ސަބްމިޝަންގެ މުއްދަތެއް ކަނޑައެޅުމުގެ މައިގަނޑު މަޤުސަދަކީ ޚިދުމަތް ހޯދާ ފަރާތްތައް ޕްލެޓްފޯމަށް އަހުލުވެރިކުރުވައި، އިތުބާރާއެކު ޚިދުމަތް ހޯދުމަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމާއި، އޮންބޯޑިން މަރުހަލާ ފުރިހަމަކޮށް، ޚިދުމަތްތައް މެދު ކެނޑުމެއް ނެތި ދެމެހެއްޓުމެވެ. މި ޚިދުމަތްތައް ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ދޭން ފަށާނެ ރަސްމީ ކަޓް އޮފް ތާރީޚު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ފަހުން އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.
އެހެންކަމުން، އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅޭ ސުންގަޑީގެ ކުރިން ޓްރޭޑިއަން ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، ޚިދުމަތް ހޯދުމުގެ ހުއްދަ އޮންނަ މުވައްޒަފުން އޮންބޯޑު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި މިކަމާ ގުޅޭ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް 3334001 ނަންބަރު ހޮޓްލައިނާއި [email protected] އީމެއިލް ވަނީ އާންމުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް